ދިވެހިރާއްޖޭގެ 17 އަހަރުން ދަށުގެ ޤައުމީ ފުޓުބޯޅަ ޓީމާއި ފަލަސްޠީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ފުރަތަމަ މެޗުގެ ސްވެނިއަރ ޕްލެޓިނަމް ޓިކެޓު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވައިގެންފިއެވެ. މިއީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާއަށް މިޓިކެޓް ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙުމަދު ޠާރިޤެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށް އެފްއޭއެމުން ވަނީ ހަނދާނީ ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއްވެސް އަރުވާފައެވެ. އެފްއޭއެމުން ބުނި ގޮތުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނަށް ދެއްވާ އަހަންމިއްޔަތު ފެނިގެންދާ، އަދި އެމަނިކުފާނު ފަލަސްތީނުގެ ރައްޔިތުންނާއިއެކު ހުންނެވިކަން ހާމަކޮށްދޭ ކަމެކެވެ.
ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބައިނަލްއަގްވާމީ މައިދާނުގައި ގެންދަވަނީ ވަރަށް ފާޅުގައި ވާހަކަ ދައްކަވައި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަމުންނެވެ. އެމަނިކުފާނުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޓީމަށް ރާއްޖޭގައި ކޭމްޕް ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވާފައިވާއިރު، މިރެއާއި މާދަމާރޭ ކުޅެވޭ ދެ މެޗަށް ވީހާވެސް ގިނަބަޔަކު ސްވެނިއަރ ޓިކެޓް ގަތުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ.
މި މެޗުތަކުގެ ސްވެނިއަރ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ، ސްވެނިއަރ ޕްލެޓިނަމް ޓިކެޓެއް 1000 ރުފިޔާއަށް އަދި ސްވެނިއަރ ގޯލްޑް ޓިކެޓެއް 500 ރުފިޔާއަށެވެ. ޖުމްލަ 50 ސްވެނިއަރ ޕްލެޓިނަމް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ރޮސްޓްރޮމްގެ ޓިކެޓެކެވެ. އަދި ޖުމްލަ 200 ސްވެނިއަރ ގޯލްޑް ޓިކެޓް ވިއްކަން ހަމަޖެހިފައިވާއިރު މިއީ ވީއައިޕީ ގޮނޑިބަރި ޓިކެޓެކެވެ.
އެފްއޭއެމްއިން ބުނި ގޮތުގައި، މި ދެ މެޗުގެ ސްވެނިއަރ ޓިކެޓް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހަނގުރާމައިގެ ހާލަތުގައި އޮތް ފަލަސްޠީނުގެ ފުޓުބޯޅަ އަލުން ދިރުވާ ތަރައްޤީކުރުމަށް ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ފަލަސްޠީނު ފުޓުބޯޅަ އެސޯސިއޭޝަނަށެވެ. މީގެ އިތުރުން، މި ދެމެޗަށް ސްވެނިއަރ ޓިކެޓު ވިއްކި ނަމަވެސް، ދެމެޗު ބަލަން ބޭނުންވާ ފަރާތްތަކަށް ހިލޭ ދަނޑުގެ ގޮނޑިބަރިއާއި ސިޑިބަރިއަށް ވަދެވޭނެ ކަމަށްވެސް އެފްއޭއެމްއިން ހާމަކުރެއެވެ.

