ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފެށި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަން "އަލިމަގު" ގައި މިހާތަނަށް 90 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެއްޖެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަށް ފެށި، މަސްތުވާކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
މިއަދު ހެނދުނު 05:30 ގައި ފެށި "އޮޕަރޭޝަން އަލިމަގު"އާ ގުޅޭގޮތުން ފަހުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، މި އޮޕަރޭޝަން އިތުރަށް ފުޅާކުރައްވާނެ ކަމަށާއި އަމާޒަކީ ޑްރަގްގެ ނެޓްވޯކްތައް އެއްކޮށް ނައްތާލުން ކަމަށެވެ. މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި 90 މީހުން ހައްޔަރުކޮށްފައިވާއިރު، މަސްތުވާތަކެތި އަދި މިކަމުގެ ވިޔަފާރިކުރުމަށް ބޭނުންކުރާ އެއްޗެހިވެސް ފެނިފައިވާ ކަމަށް ނަވީން ވިދާޅުވިއެވެ.
"މަސްތުވާއެއްޗެހި ފެނިފައި އެބަހުރި، ޑްރަގް ސްޓްރީޓް ލެވަލްގައި ވިއްކުމަށް ބޭނުންކުރާ އެއްޗެހި، ބަނގުރާ ކައްކަން ބޭނުންކުރާ އެއްޗެހި ފެނިފައި އެބަހުރި، ކުރިއަށް އޮތް ތަންތަނުގައި އޮޕަރޭޝަން އެހެން ރަށްރަށުގައިވެސް ކުރިއަށްދާނެ، އިތުރު މީހުންވެސް ހައްޔަރުވުމަކީ އެކަށީގެންވާ ކަމެއް،" ކޮމިޝަނަރ ނަވީން ވިދާޅުވިއެވެ.
"އޮޕަރޭޝަން އަލިމަގު"އަކީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ ބޮޑު އޮޕަރޭޝަނެކެވެ. މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމެވެ. އަދި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން މި އޮޕަރޭޝަން ހިންގާކަމަށް ފުލުހުން ބުނެއެވެ.

