ދިވެހިރާއްޖެއިން މަސްތުވާތަކެތީގެ ވަބާ މުޅިން ނައްތާލުމަށްފަހު ނޫނީ، މި ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް ފަށާފައިވާ ޚާއްސަ އޮޕަރޭޝަން “އަލިމަގު” ހުއްޓާނުލާނެ ކަމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އެންގެވުމަކަށް ފުލުހުން ފެށްޓެވި، މަސްތުވާތަކެތީގެ ނެޓްވަރކްތައް ހޯދައި ނައްތާލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، “އަލިމަގު” އޮޕަރޭޝަން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ކުރިއަށްދާ ކަމަށާއި، މި އޮޕަރޭޝަން ކުރިއަށްގެންދަނީ ފުލުހުން 6 މަސް ދުވަހުން އެއްކުރި އިންޓަލެޖެންސް މަޢުލޫމާތަށް ބިނާކޮށް ކަމަށެވެ. މިއަދު ހެނދުނު 05:30 ގައި ފެށި މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ބަލައި ފާސްކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް އެބަގެންދެއެވެ.
ދާޚިލީ ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ސިނގިރޭޓާއި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިހުރި ފައިސާއާއި އެކި ބާވަތްތަކުގެ މަސްތުވާތަކެތި ހޯދައި، ނެގެމުންދެއެވެ. މީގެ އިތުރުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރި 100 އަށްވުރެ ގިނަ ތަން ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޢަލީ އިޙްސާން ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި މިކަމުގެ ތެރޭގައި އުޅޭ މީހުންނަށް އިންޒާރުގެ ހަރުކަށި މެސެޖެއްވެސް ދެއްވާފައެވެ. “ދެން ޖެހޭނީ މިކަން ހުއްޓާލަން. މިއަދަށްފަހު ދެން އެ ފުރުޞަތެއް ނުދޭނަން. އެދޭ އެދުމަކީ މިކަމުގައި އުޅޭ ކުދިންވެސް އެހެން ކަމަކާއިގެން އުޅެން ފަށަން. އެކުދިންނަށް އުޅެން އުނދަގޫކުރާނަން. މިއަދު މި ފެށި އޮޕަރޭޝަން ހުއްޓާލާނީ މިކަމުގައި މަސްޢޫލުވެގެން އުޅޭ މީހުން ހުއްޓާލާ ހިސާބުން. ޤާނޫނުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެމީހުންނާ މެދު އަޅާނަން.” ވަޒީރު ވިދާޅުވިއެވެ.
ފުލުހުންގެ ހުރިހާ ބާރެއް ގުޅިގެން ފަށާފައިވާ މި އޮޕަރޭޝަންގައި މިހާތަނަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ 90 މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެމީހުން މަސްތުވާތަކެތި ރައްކާކުރަން ބޭނުންކުރާ ތަންތަން ބަލައި ފާސްކޮށް، ވިއްކާ މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާކަންވެސް ވަޒީރު ވަނީ ހާމަކުރައްވާފައެވެ.
“އޮޕަރޭޝަން އަލިމަގު” އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ. މިއީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެކެވެ. މަސްތުވާތަކެތީގެ ވަބާއިން މުޅިން ރާއްޖެ ފުހެވެންދެން 24 ގަޑިއިރު، ފުލުހުން މި އޮޕަރޭޝަން ކުރިއަށްގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

