މުޅި ރާއްޖެ ހިމެނޭގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފެށި "އޮޕަރޭޝަން އަލިމަގު" ގައި މިހާތަނަށް 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މިއީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެވެ.
ފުލުހުންގެ މައުލޫމާތު ދިނުމުގެ ތެރެއިން "އޮޕަރޭޝަން އަލިމަގު" ގެ އަދާހަމަ ހާމަކުރަމުން ވިދާޅުވީ، މި އޮޕަރޭޝަނުގައި މިހާތަނަށް 97 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، ބަލައި ފާސްކުރަމުން ދިޔަ ތަންތަނުގެ ތެރެއިން 86 ތަނެއް ބަލައި ފާސްކޮށް ނިމިފައިވާ ކަމަށެވެ.
އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ފެށި މި ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ މިއަދު ހެނދުނު 05:30 ގައެވެ. މި އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވެ، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ދަނީއެވެ.
"އޮޕަރޭޝަން އަލިމަގު" ގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމެވެ. އަދި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ މި އޮޕަރޭޝަނަކީ، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ބާރެއް ގެނެސްދޭނެ ކަމެއް ކަމަށް ފުލުހުން ބުނެއެވެ.


