މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ މަސްކެނޑުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިވެހިންގެ ތެރެއިން ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވައި އާލާކުރުމަށްޓަކައި ބާއްވާ މި މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ރ. ދުވާފަރުގައެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތަކީ ދިވެހިންގެ ތެރޭގައި އެކަހެރިވެ ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވައި، މި ފަންނަށް ދިވެހިންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ. މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ޤައުމީ ފެންވަރެއްގައި އެ ރަށުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާތީއެވެ.
މި މުބާރާތަކީ ދެޖިންސުގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ވަނަވަނަ ހޮވައި އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އެއްވަނަ ހޯދާ ފަރާތަށް 3000ރ، ދެވަނަ ހޯދާ ފަރާތަށް 2000ރ، އަދި ތިންވަނަ ހޯދާ ފަރާތަށް 1000ރ ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށެވެ. ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން ކަމާގުޅޭ ފޯމު ގޫގުލް ފޯމް މި ލިންކު މެދުވެރިކޮށް ފުރިހަމަ ކުރައްވަން ޖެހޭނެއެވެ.
ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މި އަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.

