ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑް(ބީއެމްއެލްއޭ) އިން އެޅުމަށް ހަމަޖެހިފައިވާ 3،000 ހައުސިން ޔުނިޓް އަޅާނީ ސަރުކާރުން ހިލޭ ދިން ބިމެއްގައި ކަމަށް ހައުސިން، ކޮންސްޓްރަކްޝަން، އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ. މި ފްލެޓުތަކަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ “އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް”ގެ ދަށުން އެޅޭ ފްލެޓުތަކެކެވެ.
މިކަން މިނިސްޓަރު ހާމަކުރެއްވީ ބީއެމްއެލް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަނީ 3،000 ހައުސިން ޔުނިޓް އެޅުމަށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ބިން ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި، ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓު އަޅާނެ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުތަކުން އާންމުކޮށް ގެންގުޅުނު އުސޫލަކީ ލޯނު ނަގައިގެން އިމާރާތްކުރުން ކަމުގައިވީނަމަވެސް، ލޯނު ހޯދައިގެން ބޯހިޔާވަހިކަމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މި ސަރުކާރު އައިއިރު ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ކުރީ ސަރުކާރުން ވަރަށް ބޮޑު އަދަދެއްގެ ދަރަންޏެއް ނަގާފައިވުމާއެކު ލޯނު ލިބުމުގައި ހުރިހާ ގޮތަކުން ވެސް ދަތިތަކާ ކުރިމަތިވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ބޯހިޔާވަހިކަމުގެ ސިޔާސަތު އެކުލަވާލައި، ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމުގެ ހައްގު އެމީހެއްގެ ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން ފަހިކޮށްދިނުމަށް ކަމަށް މިނިސްޓަރު މުއްތަލިބް ވިދާޅުވިއެވެ.
“މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ، ބޭންކަށް އިތުރު އަގަކާ ނުލައި. ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތް ﷲ ގެ ވާގިފުޅާ އެކު، މި ފްލެޓްތަކުގެ އަގު މިހާރު މި ދޫކުރާ (ސޯޝަލް ހައުސިން) ފްލެޓްތަކުގެ އަގާއި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެން ދާނެ،” މުއްތަލިބް ވިދާޅުވިއެވެ. މިގޮތަށް ބިން ހިލޭ ދިނުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަމާޒުކުރާކަން މިނިސްޓަރުގެ ވާހަކަފުޅުން ހާމަވިއެވެ.

