ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން (ޕީއެންސީ) މާދަމާ ރޭ ބާއްވާ “ދިވެހީންގެ ރާއްޖެ” ޖަލްސާގައި ބައިވެރިވުމަށް އަތޮޅުތަކުގެ ރަށްތަކުން އެތައް ސަތޭކަ ބަޔަކު މާލެ އައިސްފި އެވެ. މި ޖަލްސާއަކީ މި ފަހުން ރާއްޖޭގައި ބާއްވާ އެންމެ ބައިބޯ ޖަލްސާއަށް ވާނެ ކަމަށް ޕާޓީން ލަފާކުރެ އެވެ. މިއަދާއި މިރޭ އަދި މާދަމާވެސް ގިނަ ބަޔަކު މާލެ އަންނާނެ ކަމަށް ޕީއެންސީން ބުނެފައިވެ އެވެ. މި ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ރޭ އާޓިފިޝަލް ބީޗް ސަރަޙައްދުގަ އެވެ.
މި ޖަލްސާއަށް މީހުން ގެނައުމަށް ޕާޓީގެ އިސް ބޭފުޅުންނާއި ސަޕޯޓަރުންނާއި އެކްޓިވިސްޓުން ގެންދަނީ “މަވެސް ދާނަން” ނަމުގައި ފޯރިގަދަ ކެމްޕެއިނެއް ހިންގަމުންނެވެ. ޖަލްސާއަށް މީހުން އަންނަމުންދަނީ ލޯންޗުތަކާއި ދޯނިތަކާއި ބޯޓްތަކުގަ އެވެ. އަދި ވައިގެ މަގުން ވެސް ގިނަ ބަޔަކު މިހާރު ވަނީ މާލެ އައިސްފަ އެވެ.
ސަޕޯޓަރުންނަށް ހޫނު މަރުހަބާއެއް
ޕީއެންސީން ވަނީ ޖަލްސާއަށް އަންނަ ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފަ އެވެ. އެގޮތުން “މަރުހަބާ ޓީމް” ނަމުގައި ބޮޑު ޓީމެއް އެކުލަވާލާފައިވާއިރު، އެ ޓީމުން ގެންދަނީ އަންނަ މީހުންނަށް މަރުހަބާ ކިޔައި، ޕާޓީގެ އިންތިޒާމްތަކުގެ މައުލޫމާތު ހިއްސާ ކުރަމުންނެވެ. ސިޔާސީ ޖަލްސާތަކަށް އަންނަ މީހުންނަށް ޕާޓީތަކުން މިފަދަ ފުރިހަމަ އިންތިޒާމުތަކެއް ހަމަޖައްސާފައި ހުންނަ މަންޒަރަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫން ކަމަށްވެ އެވެ.
މާދަމާ ރޭގެ ޖަލްސާއަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބާއްވާ މިފަދަ އެންމެ ބޮޑު އެއް ޖަލްސާއަށް ވާނެ ކަމަށް ޕީއެންސީގެ ލީޑާޝިޕުން ވަނީ ހާމަކޮށްފަ އެވެ. އެ ޖަލްސާއަކީ މިހާތަނަށް ނުބޭއްވޭފަދަ ކުލަގަދަ އަދި ފުރިހަމަ އިންތިޒާމެއްގެ ދަށުން ބާއްވާ ޖަލްސާއަކަށް ހެދުމަށް ގިނަ ތައްޔާރީތަކެއް ދަނީ ވަމުންނެވެ. ޕާޓީން ބުނި ގޮތުގައި މި ޖަލްސާއިން އެންމެ މުހިންމުކޮށް ފެންނާނެ އެއް ކަމަކީ ރައްޔިތުންގެ ވިންދާއި އިހްސާސްތައް ހުރި ގޮތާއި، ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދެވެ.
“ދިވެހީން ރާއްޖެ” ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ކޮންގްރެސް ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އަދި މި ޖަލްސާގައި އެމަނިކުފާނު ދިވެހިރައްޔިތުންނާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވާނެ އެވެ. މާދަމާ ރޭ 9:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްއެމްޓީވީން ވަގުތުން ގެނެސްދޭނެ ކަމަށް ވެސް ޕީއެންސީން ވަނީ ބުނެފަ އެވެ.

