މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ އަސްލަކީ، އިޙުސާންކަމާއި، އީމާންކަމާއި، އިސްލާމްކަން މީސްތަކުންގެ ހިތްތަކުގައި ހަރުލައިފައި ނެތުންކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. “ތައުޙީދުގެ މަތީގައި ދަރިން ތަރުބިއްޔަތު ކުރުން” މި މައުޟޫއަށް މިއަދު ދިން ހުތުބާގައި ވަނީ މާތް ﷲއަށް ތަޤުވާވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ޢަމަލުތައް، ހެޔޮ ގޮތުގައި ކުރުމަށް ހަނދުމަކޮށްދީފައެވެ.
ހުތުބާގައި ނަސޭހަތްތެރިވެފައިވަނީ އަހަރެމެން އިންސާނުން އުފައްދަވައިފައި ވަނީ ﷲއަށް ތަގުވާވެރިވެ އެކަލާނގެއަށް އަޅުކަން ކުރުމަށްކަން ހަނދާންކުރުމަށެވެ. މިކަން ކަށަވަރުކޮށްދެއްވުމަށް ﷲގެ ވަހީބަސްފުޅެއްގެ މާނަ ކިޔައިދެމުން ހުތުބާގައި ބުނީ، ﷲ ވަޙީ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ ތިމަންރަސްކަލާނގެ ޖިންނީންއާއި، އިންސީން ނަހައްދަވަމެވެ.”
މި މަތިވެރި އާޔަތުގައި އަންގަވައިފައިވާ މަޤުޞަދު ޙާޞިލުކުރުމަށް ޓަކައި އަޅުތަކުން، ޚާއްޞަ ކަންތައްތަކެއް ޤަބޫލުކުރާންޖެހޭނެކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެ ކަންކަމާ ނުލައި، އެއްވެސް އަޅުކަމެއް، މާތް ﷲގެ ޙަޝުރަތުގައި ޤަބޫލުވެވިގެންނެއް ނުވެއެވެ. މި ކަންތައްތައް ވަރަށް ފުރިހަމަކޮށް އެކަލާނގެ އަޅަމެންނަށް އައްގަވައިދެއްވައިފައިވާ ކަމަށާއި، އެ ކަންކަމަކީ ދަރީން ތަރުބިޔަތުކުރުމުގައި މުހިންމު ކަންތައްތަކެއް ކަމުގައި ހުތުބާގައި ފާހަގަކުރިއެވެ. އެއީ އޭގެ ސަބަބުން، ދަރީންގެ އުޅުމަށާއި ގުޅުންތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނޭ ކަންކަމެވެ.
މުސްލިމް އަޚުންނޭވެ، މި މައުޟޫއާ ގުޅޭގޮތުން ހުތުބާގައި ވަނީ ނަބަވީ ހަދީޘްފުޅުތަކުގެ ތެރެއިން ޙަދީޘު ޖިބުރީލުގެ ނަމުން މަޝްހޫރުވެފައިވާ ޙަދީޘްފުޅުގެ މައްޗަށް އަލިއަޅުވާލާފައެވެ. މި ޙަދީޘްފުޅުގައި އިންސާނާއަށް ޢަޤީދާގެ ގޮތުންނާއި ޢަމަލީ ގޮތުން، ބޭނުންވާ މުހިންމު ކަންތައްތަކެއް އެކުލެވިގެންވެއެވެ. މި ޙަދީޘްފުޅުގައި އައިސްފައިވާ ކަންތައްތަކުގެ މުހިންމުކަމުން އެ ޙަދީޘްބަސްފުޅުގައިވާ ކަންތައްތައް އެންގެވުމަށް މާތް ﷲ އިރާދަކުރެއްވި ގޮތަކީ، އިންސާނުންގެ ހިތުގައި އެ ވާހަކަތައް އެންމެ ފުރިހަމައަށް ބިންވަޅުނެގި ދިގު މުއްދަތަކަށް އިންސާނާއަށް ދަސްވެ ހިތުގައި ހަރުލައި ހުންނާނޭ ގޮތެވެ. އެހެންކަމުން މި ޙަދީޘްފުޅު ވެސް އައިސްފައި ވަނީ ހާދިސާއެއްގެ ގޮތަށެވެ.
ހުތުބާގައި އެދެވުނީ މި ޙާދިސާގެ މައްޗަށް ވިސްނުމުގެ ފިކުރެއް ހިންގައިލުމަށެވެ. ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އަރިހުން، ރިވާވެގެންވެއެވެ: “ޢުމަރު ބްނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންމެން ރަސޫލުﷲ ﷺގެ އަރިހުގައި، އިނދެ ތިއްބަވައިމެއް ކުއްލިއަކަށް ވަރަށް ސާފު ހުދު ހެދުމެއްގައި ހުންނެވި ބޭކަލަކު ވަޑައިގެންނެވިއެވެ. އެ ބޭކަލެއްގެ އިސްތަށިފުޅު، ނުހަނު ކަޅެވެ؛ ދަތުރެއްކުރައްވައިފައި، ވަޑައިގަތްކަމުގެ އެއްވެސް، އަސަރެއް އެ ބޭކަލެއްގެ ކިބައަކުން ނުފެނެއެވެ. އަދި އެއީ އަހަރެމެން ކުރެ އެކަކު ވެސް ދަންނަ ބޭކަލެއްނުމެނޫންމެއެވެ. އެ ބޭކަލަކު ވަޑައިގެން މާތް ނަބިއްޔާ ﷺ ގެ ދެ ކަކޫފުޅުގައި އެ ބޭކަލެއްގެ ދެ ކަކޫފުޅު ޖެހޭނޭހެން ކައިރީގައި، އަދި އެ ބޭކަލެއްގެ ދެ އަތްތިލަފުޅު އެ ބޭކަލެއްގެ ދެ ފައިންޕުޅުގެ މާކަޅުވާމަތީ ބާއްވަވައިގެން އަދަބުވެރިވެ އިނދެ، ދެންނެވިއެވެ: އޭ މުޙައްމަދުގެފާނޭވެ، އިސްލާމްކަމަކީ، ކޮބައިކަން، ކަލޭގެފާނު އަޅުގަނޑަށް، ވިދާޅުވެދެއްވާށެވެ!
މާނައީ ފަހެ، ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: އިސްލާމްކަމަކީ ހަމަކަށަވަރުން – މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކުނުވާކަމަށާއި މުޙައްމަދުގެފާނީ، ﷲގެ ރަސޫލާކަމަށް ތިބާ ހެކިވުމާއި، ތިބާ (ފަސް) ފަރުޟު ނަމާދު ޤާއިމުކުރުމާއި، ތިބާ ޒަކާތްދިނުމާއި ރަމަޟާންމަހުގެ ތިބާ ރޯދަ ހިފުމާއި ތިބާއަށް އެކަމުގެ ކުޅަދާނަކަން ލިބިއްޖެ ނަމަ، ކަޢުބަތު ﷲގެފުޅަށް ޙައްޖުވުމެވެ. قَالَ صَدَقْتَ فَعَجِبْنَا لَهُ يَسْأَلُهُ وَيُصَدِّقُهُ އެ ބޭކަލަކު ދެންނެވިއެވެ: ކަލޭގެފާނު ތިޔަވިދާޅުވީ، ރަނގަޅަށެވެ. (ޢުމަރުގެފާނު) ވިދާޅުވިއެވެ: ފަހެ އެ ބޭކަލެއްގެ ކަންތަކާ މެދު ތިމަންމެން، އައިރާންވީމުއެވެ: އެއީ، ކަމެއް އޮޅުންފިލުއްވެވުމަށް ސުވާލުކުރެއްވުމަށް ފަހު، އެ ކަމުގެ ޖަވާބު ރަނގަޅުކަމަށް ވިދާޅުވާތީއެވެ. ދެން އެ ބޭކަލަކު ދެންނެވިއެވެ: އީމާންކަމަކީ ކޮބައިކަން ކަލޭގެފާނު އަޅުގަނޑަށް، ވިދާޅުވެދެއްވާށެވެ. މާނައީ ޙަދީޘްކުރެއްވިއެވެ: (އީމާންކަމަކީ) ހަމަކަށަވަރުން ﷲއަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، އެކަލާނގެ ރަސޫލުންނަށާއި އާޚިރަތްދުވަހަށާއި ހެޔޮ މިންވަރާއި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ. އެ ބޭކަލަކު ދެންނެވިއެވެ: ކަލޭގެފާނު ތިޔަވިދާޅުވީ ރަނގަޅަށެވެ. އިޙުސާންކަމަކީ ކޮބައިކަން ކަލޭގެފާނު އަޅުގަނޑަށް، ވިދާޅުވެދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ: (އިޙުސާންކަމަކީ)، ތިބާ ﷲއަށް އަޅުކަން ކުރާއިރު، އެކަލާނގެ ދާތުފުޅު ތިބާ ދެކެދެކެ ހުރެ އަޅުކަންކުރާ ފަދައިން ތިބާ އަޅުކަންކުރުމެވެ. އެހެނީ، ތިބާއަށް އެކަލާނގެ ދާތުފުޅު، ފެންނަކަމުގައި ނުވިއަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.
އަނެއްކާ އެ ބޭކަލަކު ދެންނެވިއެވެ: ޤިއާމަތްވާނެ ވަގުތެއް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ: ސުވާލުވެވުނު މީހާއަކީ އެބަހީ (ތިމަންކަލޭގެފާނަކީ ސުވާލުކުރެއްވި މީހާއަށް ވުރެ އެބަހީ ކަލޭގެފާނަށް) ވުރެ ބޮޑަށް، އެ ކަން އެނގިގެންވާ މީހަކީމެއް ނޫނީމެވެ. އަނެއްކާ އެ ބޭކަލަކު ދެންނެވިއެވެ: (އެހެންވިއްޔާ) ޤިއާމަތުގެ ޢަލާމާތްތައް ކަލޭގެފާނު އަޅުގަނޑަށް ވިދާޅުވެދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ: އެކަމުގެ ބޮޑެތި ޢަލާމާތްތަކުގެ ތެރޭގައި އަޅު އަންހެނާ އޭނާގެ ޝާހިބްމީހާ ވިހެއްމާއި، އެބަހީ އަޅުއަންހެނުން ގިނަވެ އެބައިމީހުންނަށް ލިބޭ ދަރިންނަކީ އެއުރެންގެ ސާހިބުން ކަމުގައިވުމާއި ނުވަތަ ފަހުޒަމާނުގައި އައިސް މައިންބަފައިންނަށް ނުބައިވެ އަންހެން ދަރީންނާއި ފިރިހެން ދަރީން ވެސް މައިންބަފައިންނާ މެދު އަޅުންނެކޭ އެއްފަދައިން މުޢާމަލާތުކުރުމާއި ހުސްފައިގައި ބަކަރި ހުއިހައްފާން އުޅޭ އޮރިޔާންނިވައިނުވާ، ހާލުގައިވާ އަތްމަތިދަތި މީސްތަކުން އެބައިމީހުންގެ، އުސްބިނާތަކާ މެދު، އެއްބަޔަކު، އަނެއްބަޔެއްގެ މައްޗަށް ފަހުރުވެރިވެ އުޅޭތީ ތިބާ ދުށުމެވެ. ދެން އެ ބޭކަލަކު އެނބުރި ވަޑައިގެންފިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ: ފަހެ، އެއަށްފަހު، ތިމަންނާ އެއީ ކޮން ބޭކަލަކުކަން އޮޅުންފިލައިވަޑައި، އިނުގެން، މުއްދަތަކަށް ހުންނެވީމެވެ. އެއަށްފަހު، ރަސޫލުﷲ ﷺ ތިމަންކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ: އޭ ޢުމަރުގެފާނެވެ. އެ ދުވަހު އެ ސުވާލުކުރެއްވި ކޮން ބޭކަލަކުކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯއެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ: ތިމަންނާ ދެންނެވީމެވެ؛ ﷲ ދެނެވޮޑިގަތުން ބޮޑެވެ. އަދި އެކަލާނގެ ﷲ ދެނެވޮޑިގަތުން (ބޮޑެވެ އަދި އެކަލާނގެ. ރަސޫލާ ދެނެވަޑައިގަތުން ބޮޑުމެއެވެ. ޙަދީޘްކުރެއްވިއެވެ އެއީ، ޖިބުރީލުގެފާނެވެ. އެ ކަލޭގެފާނު ވަޑައިގަތީ، ތިޔަބޭކަލުންނަށް، ތިޔަބޭކަލުންގެ ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވުމަށްޓަކައެވެ.”
ހުތުބާގައި ބުނެފައިވަނީ، މި ޙާދިސާ މި ގޮތަށް ހިނގައި ދިއުމުން ވިސްނައި، ފިކުރުކުރާންޖެހޭނެކަމަށެވެ. މި ޙާދިސާގައި ކުރެއްވި ސުވާލުތަކާއި ދެއްވި ޖަވާބުތަކާ މެދުގައެވެ. މާތް ﷲއަށް އަޅުވެތިވުމަށް ޓަކައި އިންސާނާގެ ކިބައިގައި އެނގިދެނިވެފައި ހުންނާންޖެހޭ މުހިންމު ކަންތައްތަކަކަށް މި ކަންތައްތައް ވާތީ، ގިނަ ދުވަހަށް ހިތުގައި ހަރުލައި ހުންނާނޭ ފަދައިން މާތް ﷲ މި ކަންތައްތައް އަންގަވައިދެއްވައިފައިވާ ކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ. މި ފަދަ ޙާދިސާއަށް މި ޒަމާނުގެ ތަޢުލީމީ ދާއިރާގައި ކިޔައި އުޅެނީ “ރޯލް ޕްލޭ” އެވެ. އެބަހީ، ދަސްކުރާން ޖެހޭ ފިލާވަޅު މުދައްރިސް ދެތިން ކުއްޖަކު ލައްވައި އެހެން ކުދީންގެ ކުރިމަތީގައި ތަމްސީލުކޮށްލުމެވެ. މި ގޮތަށް ފިލާވަޅު ގެންދިއުމުން ވަރަށް އަވަހަށް ފިލާވަޅު ދަސްވެ، ގިނަ ދުވަހަށް ހިތުގައި ހަރުލައިފައި ހުރެއެވެ.
އެހެންވީމާ ޖިބުރީލް ޢަލައިހިއްސަލާމް އިސްލާމް ދީނުގެ އަސާސްތަކާ މެދު، ގެނެސްދެއްވި މި ސުވާލުތަކަކީ ވަރަށް ވަރުގަދައަށް ކޮންމެ މުސްލިމެއްގެ ހިތުގައި ބިންވަޅުނެގިފައި ހުންނާންޖެހޭނޭ ކަންތައްތަކެއްކަމަށް ހުތުބާގައި ބުނެފައިވެއެވެ. ނަމަވެސް ދެރަކަމަކީ، މި އަދު މިކަންކަމުގެ މައްޗަށް ވަރަށް ބޮޑަށް އަޅައިނުލެވި ފަރުވާކުޑަކުރެވިފައިވާ ކަމެވެ. އެދެވޭ ގޮތުގައި ހިތުގައި މި ކަންކަން ހަރުލެއްވިފައި ނުވާކަމެވެ. މުސްލިމް އަޚުންނޭވެ، މާތް ނަބިއްޔާ ﷺ އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ތަރުބިޔަތުކުރައްވައިފައި ވަނީ މި ކަންކަމުގެ މަތީގައެވެ. އިސްލާމްކަމާއި، އީމާންކަމާއި އިޙުސާންކަމުގެ މަތީގައެވެ.
ހުތުބާގައި އިތުރަށް ފާހަގަކުރިއެވެ. އެހެންކަމުން އެ ބޭކަލުންގެ އަޚުލާގާއި މުޢާމަލާތުކުރެއްވުން މާތްވެފައި ވެއެވެ. އެ ބޭކަލުންގެ މެދުގައި އެއްބޭކަލަކާއި އަނެއް ބޭކަލަކާ ދެމެދު އޮންނަ ގުޅުން ވަރުގަދައެވެ. އިތުބާރުކުރުން ހަރުދަނާއެވެ. އެ ބޭކަލުންގެ ހިތްޕުޅުގައި އިޙުސާންކަން ރަނގަޅަށް ހަރުލައިފައިވުމުން އެ ބޭކަލުންގެ މުޖުތަމަޢުގައި، ހަމަޖެހުމާއި އެކުވެރިކަން އާންމުވެފައިވިއެވެ. މި އަދު މި މުޖުތަމަޢުގެ ތެރޭގައި ހިނގާ ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމާއި އިސްލާމްކަމާއި އިޙުސާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުންކަމަށް ހުތުބާގައި ބުނެފައިވެއެވެ. އަބަދާއި އަބަދު މާތް ﷲ ބައްލަވައިވޮޑިގެންވާކަމާއި، އަދި އޭގެ އިތުރަށް ދެ މަލާއިކަތުން ތިމާގެ ގާތުގައި ތިމާގެ ޢަމަލުތަކާއި ބުނާ ބަސްތައް ލިޔުއްވަން ތިއްބަވާނޭކަން ކަށަވަރުކޮށްދެވިފައި ނުވާތީއެވެ. އެހެންކަމުން، ޅަފަތުއްސުރެ މިކަންކަން، ހިތުން ކެހިގެން ނުދާ ފަދަ ގޮތެއްގައި ހަރުލެއްވިއްޖެ ނަމަ، މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ހެއު ބަދަލު އަންނާނޭކަން ކަށަވަރެވެ.!”
ފުރަތަމަ ހުތުބާގައި ވާހަކަދެކެވުނު ޙަދީޘްފުޅުން ލިބިގަނެވޭ ފިލާވަޅުތަކުގެ ތެރޭގައި މުދައްރިސް ގާތަށް ދަރިވަރު ދާއިރު، އަދަބުވެރިވާންޖެހޭނެކަން ފާހަގަވެއެވެ. ސާފުތާހިރުކަންމަތީގައި އަދަބުވެރިކޮށް ހުންނާންޖެހޭނެކަން ފާހަގަވެއެވެ. މުދައްރިސްގެ ކުރިމަތީގައި އިށީނދެ އިނުމުގެ އަދަބުވެރި ގޮތް ވެސް ފާހަގަވެއެވެ. ހަމަ އެ ފަދައިން ނޭނގޭ ކަމެއްގެ ސުވާލުކުރެވިއްޖެ ނަމަ، ނޭނގޭ ވާހަކަ ބުނުމަކީ ވެސް، މުދައްރިސްގެ ޤަދަރު އުނިވާނެކަމެއް ނޫންކަން، ވެސް ދެނެގަނެވެއެވެ. އެ ފަދަ އަދަބުތައް ލިބިފައިވާ ބައެއް ކަމުގައި އަޅަމެން ލައްވާނދޭވެ، އާމީން.
މިއަދުގެ ހުތުބާވެސް ނިންމައިލީ މިއުންމަތުގެ ނަބިއްޔާ މުޙައްމަދުގެފާނަށް ޞަލަވާތް ކިޔެވުމަށް ހަނދުމަކޮށްދީ ވަޞިއްޔަތް ކުރުމާއެކު ކިޔެވި ޞަލަވާތާއި ސަލާމުންނެވެ.

