މާޅޮސްމަޑޫލު އުތުރުބުރި އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމުގެ ތާރީޚީ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު ޚާއްސަ ރަސްމިއްޔާތެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، މިކަމުގެ ސަބަބުން ފުލުހުންނަށް ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދެވުމަށް ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދިޔަކަމަށެވެ. އަދި މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
ސީޕީ ނަވީން އިތުރަށް ވިދާޅުވިއެވެ. “ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފޯރުކޮށްދޭ މި ޚިދުމަތަކީ ރައްކާތެރިކަން ލިބޭނެ ޚިދުމަތެއް. މި ރަސްމިއްޔާތަކީ މި ކާމިޔާބީ ފާހަގަކުުރުމަށް ބޭއްވޭ ހާއްސަ ރަސްމިއްޔާތެއް. މިއީ އަޅުގަނޑުމެން ފުލުހުން މުޖުތަމައުތަކާ ގުޅިގެން މަސައްކަތްކުރާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް. މީގެ ފަހަތުގައި ވަނީ ކޮންމެ މުޖުތަމައެއްގައިވެސް ސަލާމަތާއި، އިންސާފާއި، އިތުބާރު ރަމްޒުކޮށްދޭ ފަދަ ފުލުހުން ތިބޭނެކަން.”
މި ރަސްމިއްޔާތުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއް ވަނީ ލޯންޗުކޮށްފައެވެ. މި ފޮތް ލޯންޗުކޮށްދެއްވީވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ އިތުރުން، މި މަސައްކަތުގައި އެހީތެރިވި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ މުވައްޒަފުންގެ ތެރެއިން ޖުމްލަ 13 ފަރާތަކަށް ވަޒީރު ޢަލީ އިޙްސާން ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. އަދި ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ޤާއިމްކޮށްދެއްވުމަށް ވަޒީރު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަޒީރަށް ޚާއްސަ ޕްލާކެއްވެސް އަރުވާފައިވެއެވެ.
އިންނަމާދޫގައި އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒަކީ މި އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ބިންގާ އެޅި، މިހާރު މަސައްކަތް އެއްކޮށް ނިމިފައިވާ ތަނެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ، މިދިޔަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހު ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އޭރު އެންމެ ފަހުން މި ޚިދުމަތް ޤާއިމްކުރެވިފައިވަނީ ރ. އަތޮޅު ރަސްގެތީމުގައެވެ.

