ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރު، ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މީޑިއާ ވިލެޖްގެ މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބައްލަވާ ލެއްވުމަށް އެ ސަރަހައްދަށް އިއްޔެ ޒިޔާރަތް ކުރައްވައިފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކާ އެއްގޮތަށް، ގިނަ ދުވަހު ހުއްޓިފައި އޮތް ބިނާއެއް ބޭނުންކޮށްގެން ކުރިއަށްގެންދާ މުހިންމު ޤައުމީ މަޝްރޫޢެކެވެ.
އެޗްޑީސީގެ އެމްޑީގެ މި ޒިޔާރަތަކީ، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ކައިރިން ބައްލަވައި، މަސައްކަތްތަކަށް ބާރުދެއްވުމުގެ ގޮތުން ކުރެއްވި ޒިޔާރަތެކެވެ. މި މަޝްރޫޢަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މީޑިއާ އާއި ޒުވާނުންނަށް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ އަވަހަށް ފެށިގެން ދިޔަ އެއް މަޝްރޫޢެވެ. މީޑިއާ ވިލެޖް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީ އާއި ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
މި މަޝްރޫޢަށް ބޭނުންކުރާ އިމާރާތަކީ، މީގެ 17 އަހަރު ވަންދެން ބޭނުންނުކޮށް ހުރި، ކުރިން ހޮޓާ ޕްރޮޖެކްޓެއްގެ ގޮތުގައި ފެށުނު ބިނާއެކެވެ. މި އިމާރާތުގެ އަގު 34 މިލިއަން ޑޮލަރަށް އަރައެވެ. ކުރީގެ ސަރުކާރުގައި އެސްޓީއޯގެ ވިޝަންއާ ނުގުޅޭތީ އެ އިމާރާތް ވިއްކާލުމަށް ނިންމާފައި އޮތް ނަމަވެސް، މި ސަރުކާރުން ވަނީ އެ އިމާރާތް ދައުލަތުގެ ބޭނުންތަކަށް ހާއްސަކޮށްފައެވެ.
މީޑިއާ ވިލެޖްގެ އިތުރުން، މި ބިޔަ އިމާރާތް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގިނަ ދާއިރާތަކަކަށެވެ. އެގޮތުން، މި އިމާރާތުގައި މެޑިކަލް ކޮލެޖާއި، ތަރިކަ ކޮލެޖެއްގެ އިތުރުން، ޒުވާނުންނަށް ހާއްސަ ޔޫތު ސެންޓަރެއް ވެސް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މިއީ އެއް ތަނެއްގައި ގިނަ ޚިދުމަތްތަކެއް ދިނުމަށް އެޗްޑީސީ އިން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ބްރިގޭޑިއާ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުގެ މި ޒިޔާރަތުން ދައްކުވައިދެނީ، ގިނަ ދުވަހު ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފަށައި، ޤައުމީ ތަރައްޤީއަށް ބޭނުންވާ މުހިންމު ވަޞީލަތްތައް އަވަހަށް ޤާއިމުކުރުމަށް ސަރުކާރުން ދެމުންގެންދާ އިސްކަމެވެ.

