މާލެއަތޮޅު، ފަރުކޮޅުފުށީގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެެއް ހިނގައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 13:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުމާއެކު، އެ ސަރަހައްދަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމެއް ވަނީ ވަގުތުން ގޮސްފައެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.
އަލިފާން ރޯވި ސަބަބެއް އަދި ސާފެއް ނުވެއެވެ. އަދި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާކަމެއް ނުވަތަ ނޫންކަމެއްވެސް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.


