ސަރުކާރު ހިންގާ ޕީއެންސީން މާލޭގައި މިރޭ ބާއްވާ ހާއްސަ ޖަލްސާއާ ގުޅިގެން އާޓިފިޝަލް ބީޗް ސަރަހައްދުގެ މަގުތަކެއް އިރު އޮއްސި 6:00 އިން ފެށިގެން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ބުނެފިއެވެ. މިބަދަލުތައް އަންނާނީ ޖަލްސާ ނިމެންދެނެވެ.
ފުލުހުން އާންމުކޮށްފައިވާ ޕޯސްޓެއްގައިވާ ޗާޓުގައިވާ ގޮތުން، ޓްރެފިކަށް ގެންނަ މައިގަނޑު ބަދަލުތަކުގެ ތެރޭގައި، ބޮޑުތަކުރުފާނު މަގުގެ ކޮޅުން، ރާޅުގަނޑާ ހިސާބުން ފެށިގެން ކާނިވާ ސަރަހައްދަށް މަގު ބަންދުވާނެއެވެ. މީގެ އިތުރުން، ބަންދުކުރެވޭ މިސަރަހައްދާ ގުޅިފައިވާ ފަސް ގޯޅިއެއް ވެސް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޖަލްސާ އޮންނަ އާޓިފިޝަލް ބީޗް ކުރިމަތިން، ހެންވޭރު ދަނޑާ ހިސާބަށް މަގު އެއްކޮށް ބަންދުކުރާއިރު، ހެންވޭރު ދަނޑުން ފެށިގެން ޖަނަވަރީ މަގާ ހަމަޔަށް، ހަތަރުފުރޮޅުލީ އުޅަނދުތަކަށް މަގު ބަންދުކުރާނެއެވެ. އަދި، ހެންވޭރު ދަނޑުގެ ދިގަށް ދެކޮޅަށް ދުއްވުމަށް ހަމަޖެހިފައި އޮންނަ މަގު ވެސް ހަތަރުފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރުމަށް ފަހު، މިރޭ އެ މަގުން ދުއްވޭނީ ކާނިވަލާ ވީ ކޮޅުން މަޖީދީމަގާ ވީ ކޮޅަށް އެކަންޏެވެ.
ފުލުހުން ބުނީ މިރޭ 6:00 އިން ފެށިގެން އިވެންޓް ނިމެންދެން މިމަގުތައް ބަންދުކޮށްފައި ބާއްވާނެ ކަމަށާއި، އާންމު ރައްޔިތުން މިކަމަށް ސަމާލުވެ، ފުލުހުންގެ އިރުޝާދަށް ބޯލެނގުމަށް އެދޭ ކަމަށެވެ.
ޕީއެންސީގެ ސަޕޯޓަރުން ބުނާ ގޮތުގައި މިއީ ސަރުކާރު ހިންގާ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއްވުމަށް ވާނެއެވެ.

