ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ އައި އަދި އަންނަމުންދާ ހުރިހާ ފަރާތްތަކަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޝުކުރު އަދާކުރައްވައިފިއެވެ. މި ޖަލްސާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އޮތް ތާއީދާއި ލޯބި ފާޅުކުރުމަށް ބާއްވާ އެންމެ ބޮޑު އެއް ޖަލްސާއެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މި ޝުކުރު އަދާކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުއަށް އޮތް ލޯތްބާއި ތާއީދަށް ޕާޓީގެ ގޮވާލުމަށް އިޖާބަދިން ފަހުލަވާނުންނަށް ހިފެހެއްޓުމެއް ނެތް ޝުކުރު ދަންނަވާ ކަމަށެވެ. މިއީ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކަށް ރައްޔިތުންގެ ފަރާތުން ލިބޭ ބޮޑު ތާއީދެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ޕީއެންސީގެ މި އެންމެ ބޮޑު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައެވެ. މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ޖަލްސާގައި ވާހަކަފުޅުދައްކަވާ ގޮތަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސެވެ.
މި ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސިޓީތަކާއި ރަށްރަށުން މީހުން މާލެ އަންނަން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. އަތޮޅުތެރެއިން މާލެ އައި ބައިވެރިންގެ ތެރޭގައި އައްޑޫ ސިޓީގެ ހުޅުދޫ/މީދޫން 256 މީހުންނާއި، ތިނަދޫ ސިޓީން 46 މީހުންނާއި، ފުވައްމުލައް ސިޓީ ފަދަ ތަންތަނުގެ ބައިވެރިން ހިމެނެއެވެ. މި ބައިވެރިންގެ އަދަދު މިހާރުވެސް ދަނީ އިތުރުވަމުންނެވެ.

