ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި، ގއ. އަދި ގދ. އަތޮޅު ހިމެނޭހެން ޖުމްލަ 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެކެވެ.
ފުލުހުންގެ މައުލޫމާތު ދޭ ގޮތުގައި، ދިވެހިރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން މި މަހުގެ 2 އިން 13 އަށް ވަނީ ގއ. އަދި ގދ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި 7 ފިރިހެނުންނާއި އަންހެނެކެވެ. އަދި ގދ. ވާދޫއިން 5 ފިރިހެނުންނާއި މާލެއިން 3 ފިރިހެނުން ހިމެނެއެވެ. ހައްޔަރުކޮށްފައިވާ މީހުންގެ އުމުރުފުރާ އަކީ 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެކެވެ.
މި އޮޕަރޭޝަންގެ ތެރެއިން 18 ގެއަކާއި ގެސްޓް ހައުސްއަކާއި އޮފީހަކާއި ފަޅު ރަށަކާއި 2 ހުސްބިން ވަނީ ބަލައިފާސްކޮށްފައެވެ. މީގެ އިތުރުން 2 ކާރާއި 5 ސައިކަލް ވެސް ބަލައިފާސްކޮށްފައިވެއެވެ. މިހާތަނަށް ހިންގި އޮޕަރޭޝަނުގައި ވަގުތީ ބަރުދަނުގައި 12 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، 3 މީހަކަށް 30 ދުވަސް، 6 މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ އިތުރަށް ތަހުގީގުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

