ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބު ލިބޭ ގޮތަށް މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ގެންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ވެރިކަންކުރާ ޕީއެންސީން ބޭއްވި “ދިވެހީންގެރާއްޖެ” ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ ޒަޢާމަތާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަންދެއްވީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް ކަމަށާއި، އޭގެތެރެއިން އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. އެ މައްސަލަ ހައްލުކުރެވޭނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހުއްޓުވައި، އެކަމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވިގެން ނޫނީ ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބުރާސްފަތި ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްފަހަރާ ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އެންމެ ބޮޑު އޮޕަރޭޝަން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަސައްކަތް ފުޅާކުރައްވައި، އެއްވެސް ނުފޫޒެއްގައި ނުޖެހި ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން މަސައްކަތްކޮށްގެން މަސްތުވާތަކެތީގެ ވަބާ އެއްކޮށް ނައްތާލައްވާނެ ކަމަށް ވިދާޅުވިއެވެ.
މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅާފައިވާ އެންމެ މަތީ އަދަބު ކަނޑައެޅުމުގެ ސަރުކާރުގެ އަޒުމް ވަރުގަދަކަން ހާމަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވިއެވެ: “ކުދިކުދި އިޖުރާއަތުގައި ޖެހި މި މީހުން (މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން) މިނިވަން ވުމަކަށް ރައްޔިތުން ނޭނދޭ. އެންމެންގެ އިޚްލާސްތެރި ވިސްނުން ހުންނަޖެހޭ. މަޖިލީހަށް އަޅުގަނޑުމެން ފޮނުވާފައިވާ، މަސްތުވާތަކެތީގެ ޤާނޫނަށް އިސްލާހު ކުރުމަށް ހުށަހަޅާފައިވާ ބިލު، އިސްލާހުވެގެން ނުކުންނައިރު ޑްރަގް އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް އިސްލާމްދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާފައި ފާސްކުރާނީ އިރާދަކުރެއްވިއްޔާ،”
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ މަޤްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް ފަރުވާދީ، އަނބުރާ މުޖުތަމަޢަށް ނެރުން ކަމަށާއި، މި މައްސަލަ ހައްލުކޮށްގެން ނޫނީ ޒުވާނުން ބާރުވެރިކުރުވުމުގެ މަސައްކަތް ކާމިޔާބު ނުވާނެކަމަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަކީ އެމަނިކުފާނުގެ ވެރިކަމުގެ އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

