އޭބީސީ ޖޫސް- އާފަލާއި ބީޓްރޫޓް އަދި ކެރެޓު ޖޫސް؛ ޞިއްޙަތަށް ފައިދާހުރި ޤުދުރަތީ ބާވަތްތަކުން ތައްޔާރު ކުރެވޭ ޖޫހެއް، މިއީ ދުޅަހެޔޮ ލޫޅާފަތި ހަށިގަނޑަކަށް ހަންއޮމާން ތާޒާ މޫނަކަށް ރީތި އިސްތަށިގަނޑެއް ލިބިދިނުމަށް އެހީތެރިވެދޭ ޖޫހެކެވެ! ޖޫސް ތައްޔާރު ކުރުމަށް ވަގުތު ހޭދަނުކޮށް ބިޒީ ޝެޑިއުލްއެއްގައި އުޅެމުންވެސް ސިއްހަތަށް ފައިދާ ހުރި އެއްޗެއް ކެއުމަށް ބޭނުންވާ ވަގުތުތަކުގައި، އަދި ބަނޑުހައިކަން އިހުސާސްވާ ވަގުތަކުވެސް އާފަލާއި ބީޓްރޫޓާއި ކެރެޓުގެ ޖޫހުގެ ބަދަލުގައި އޭގެ ގަމީ ނުވަތަ ޖެލީމެޓަލެއް ކާލެވޭނެ ގޮތް ހަދާފައި ބެހެއްޓުން ކީއްތޯއެވެ. މިއަދުގެ ފަތިސްތަރީގައި މިބުނެދެނީ އޭބީސީ ގަމީ ތައްޔާރުކުރާނެ ގޮތާއި އޭގެ ފައިދާތަކެވެ.
އާފަލާއި ބީޓްރޫޓާއި ކެރެޓް ޖޫހުގެ ފައިދާ، އޭބީސީ ގަމީއިންވެސް ހަމަ މިފައިދާ ލިބޭނެ!
އޭބީސީ ޖޫސް، ނުވަތަ އާފަލު، ބީޓްރޫޓް އަދި ކެރެޓް އެއްކޮށްގެން ތައްޔާރުކުރާ ޖޫހަކީ، ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބިގެންދާ ބުއިމެކެވެ. މި ތިން ބާވަތުގައިވެސް ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި، މިނެރަލްތަކާއި، އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ. މި ޖޫސް ބުއިމަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށް، ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ތިން ބާވަތް އެއްކޮށްލުމުން، އެ ފައިދާތައް އިތުރަށް ބޮޑުވެގެންދެއެވެ.
އޭބީސީ ޖޫހަކީ ހިތުގެ ސިއްޙަތަށް ވަރަށް ފައިދާހުރި ބުއިމެކެވެ. ބީޓްރޫޓުގައި ހިމެނޭ ނައިޓްރޭޓްސްގެ ސަބަބުން ލޭހޮޅިތައް ހަމަޖެހި، ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. އަދި އާފަލުގައި ހިމެނޭ ފައިބަރާއި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ލޭގައި ހުންނަ ކޮލެސްޓީރޯލްގެ މިންވަރު ދަށްކުރުމަށް އެހީތެރިވެދެއެވެ. މީގެ އިތުރުން، ކެރެޓުގައި ގިނަ އަދަދަކަށް ހުންނަ ބީޓާ-ކެރޮޓީން (ވިޓަމިން އޭ) އަކީ ލޮލުގެ ފެނުން ރަނގަޅުކޮށް، ދިފާޢީ ނިޒާމު ވަރުގަދަކޮށްދޭ މާއްދާއެކެވެ.
އާފަލާއި ކެރެޓުގައި ގިނަ އަދަދަކަށް ފައިބަރު ހުރުމުގެ ސަބަބުން ބަނޑުހިކުމުން ދުރުކޮށްދީ، ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން، އޭބީސީ ޖޫހަކީ ކެލޮރީ މަދު، ނިއުޓްރިއެންޓްސް ގިނަ ބުއިމަކަށް ވާތީ، ބަރުދަން ލުއި ކުރުމަށް މަސައްކަތްކުރާ މީހުންނަށް ވަރަށް ފައިދާހުރި ބުއިމެކެވެ. މި ޖޫހުން ބަނޑު ފުރިފައި ހުންނަ އިހުސާސް ދެމުންދާތީ، ސިއްޙަތަށް ފައިދާހުރި ގޮތެއްގައި ދިރިއުޅުން ބައްޓަންކުރުމަށް މިއީ ވަރަށް މުހިންމު ބުއިމެކެވެ.
އޭބީސީ ގަމީސް (އާފަލު، ބީޓްރޫޓް، ކެރެޓް) ތައްޔާރުކުރާނެ ގޮތް
އޭބީސީ ޖޫހަކީ އެންޓިއޮކްސިޑެންޓްސް، ވިޓަމިން އޭ، ބީ، އަދި ސީ އިން މުއްސަނދި ޖޫހެކެވެ. މި ޖޫހަކީ ހަންގަނޑުގެ ސިއްޙަތާއި، ދިފާޢީ ނިޒާމާއި، ހަކަތަ އިތުރުކުރުމަށް އެހީތެރިވާ ބުއިމެކެވެ. ގަމީސް ނުވަތަ ޖެލީމެޓަލެއްގެ ގޮތަށް ތައްޔާރުކޮށްފައި ބެހެއްޓުމުން ފަސޭހަކަމާއެކު ބޭނުން ކޮށްވެ. ނުވަތަ ބިޒީ ތާވަލެއްގައި އުޅޭއިރު ޖޫސްތައްޔާރު ކުރުމުގެ ބަދަލުގައި މިގަމީސް އިން އެތިކޮޅެއް ކެއުމުން ބަނޑުހައިވުން ދުރުކޮށްދޭނެއެވެ.
ޖޫސް ތައްޔާރު ކުރާނެ ގޮތް؛ އެންމެ ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި، 1 އާފަލު، 1 ބީޓްރޫޓް، 1 ކެރެޓު، މި ތިން ބާވަތް އެއްވަރަކަށް ހަމަކުރާށެވެ. މިކްސްޗަރުގައި އެއްކޮށްލާށެވެ، ރަނގަޅަށް ފުރާނާލަންވާނެއެވެ. ހެނދުނު ހުސްބަނޑާހުރެ ބުއިމަކީ ފައިދާ ކުރުވަނިވި ގޮތެވެ. މެންދުރު ވެސް މި ޖޫސް ބޭނުން ކުރެވިދާނެއެވެ. މަދުވެގެން 3 މަސްދުވަހު ގަވާއިދުން ބޭނުން ކުރުމުން އެދެވޭ ނަތީޖާ ފެންނާނެއެވެ.
ބޭނުންވާ ތަކެތި
- 1 ކަޕް އޭބީސީ ޖޫސް (އާފަލު، ބީޓްރޫޓް، ކެރެޓް އެއްވަރަކަށް)
- 2–3 މޭޒުމަތީ ސަމުސާ މާމުއި ނުވަތަ މޭޕަލް ސިރަޕް (އިޚްތިޔާރީ)
- 2 މޭޒުމަތީ ސަމުސާ އަގަރު-އަގަރު ޕައުޑަރު ނުވަތަ 3 މޭޒުމަތީ ސަމުސާ ޖެލަޓިން
- ސިލިކޯން މޯލްޑްސް ނުވަތަ ތިލަ ޓްރޭއެއް
ތައްޔާރުކުރާނެ ގޮތް
1. ޖޫސް ތައްޔާރުކުރުން: އާފަލު، ބީޓްރޫޓް، އަދި ކެރެޓް ބްލެންޑްކޮށް ނުވަތަ ޖޫސްކޮށްލާށެވެ. ބޭނުންނަމަ ފުރާނާލާށެވެ.
2. ޖޫސް ހޫނުކުރުން: ޖޫސް ތެއްޔަކަށް އަޅައި މަޑު ގިނީގައި ހޫނުކުރާށެވެ.
3. ފޮނިކުރުން: މާމުއި ނުވަތަ މޭޕަލް ސިރަޕް އަޅައި އެއްކޮށްލާށެވެ.
4. އަގަރު-އަގަރު: ކެކެން ފަށާފައި ހުރި ޖޫހުގެ ތެރެއަށް އަގަރްއަގަރް(ޖެލީފުށް) އަޅައި، ގިރެންދެން (2–3 މިނެޓް) އެއްކުރާށެވެ.
5. މޯލްޑްކޮށް ފިނިކުރުން: މޯލްޑްސް ނުވަތަ ޓްރޭގެ ތެރެއަށް އަޅައި، ގަނޑުކުރުމަށް 1–2 ގަޑިއިރު ފްރިޖުގައި ބަހައްޓާށެވެ. އަދި ކިއުބްކޮށް ކަފާލާށެެވެ.
6. ވައި ނުވަންނަ ކޮންޓެއިނާއެއްގައި 4،5 ދުވަހުގެ މުއްދަތަށް ފްރިޖުގައި ބަހައްޓައިގެން ބޭނުން ކުރާށެވެ.


