ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު “ބޯހިޔާވަހިކަން އެންމެނަށް” ގެ ދަށުން ދޫކުރާ ފުރަތަމަ ފްލެޓް ސްކީމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަމެކެވެ.
މި ސްކީމުގެ ފުރަތަމަ ބުރުގައި ޖުމްލަ 7500 ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ހުޅުވާލާފައެވެ. މި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު 3 ބަޔަކަށް ބަހާލައިގެންނެވެ. އެއީ މާލޭގެ ރަށްވެހިންނާއި، މާލޭގައި ރަށްވެހިވެފައި ނުވާ ނަމަވެސް މާލޭގައި ދިރިއުޅޭ ފަރާތްތަކެވެ. އަދި މީގެއިތުރުން ޚާއްސަ އިސްކަންދޭ ކެޓަގަރީއިން ވެސް ޔުނިޓް ދޫކުރުމަށް ވަނީ ހިމަނާފައެވެ.
ފްލެޓް ދޫކުރާ ކެޓަގަރީތައް:
- މާލޭގެ ރަށްވެހިން: ޖުމްލަ 4000 ހައުސިން ޔުނިޓް މާލޭގެ ރަށްވެހިންނަށް ޚާއްސަކުރެވިފައިވެއެވެ.
- އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް: 2500 ފްލެޓް.
- މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް: 1000 ފްލެޓް.
- ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް: 500 ފްލެޓް.
- މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް: 1500 ފްލެޓް ޚާއްސަކުރެވިފައިވެއެވެ.
- ޚާއްސަ އިސްކަންދޭ ކެޓަގަރީތައް: މި ކެޓަގަރީތަކަށް ޖުމްލަ 1950 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ.
- 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން: 100 ފްލެޓް.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް: 100 ފްލެޓް.
- އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް: 250 ފްލެޓް.
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް: 50 ފްލެޓް.
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުން: 200 ފްލެޓް.
- މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން: 100 ފްލެޓް.
- މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް: 100 ފްލެޓް.
- މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަޙުރޫމުވެފައިވާ ފަރާތްތައް: 50 ފްލެޓް.
- ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، ފްލެޓް ލިބިފަ ނުވާ ފަރާތްތައް: 300 ފްލެޓް.
- ޚާއްސަ އެސެސްމަންޓެއްގެ ދަށުން، ބޯހިޔާވަހިކަން ނެތް ފަގީރު އާއިލާތަކަށް ދޭ ބޯހިޔާވަހިކަން: 50 ފްލެޓް.
- ދިވެހިންގެ ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން: 100 ފްލެޓް.
- މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުން: 100 ފްލެޓް.
- ދިވެހި ސިވިލް ސާރވިސްގެ މުވައްޒަފުން: 200 ފްލެޓް.
މީގެއިތުރުން، އެކި އިދާރާތަކާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ޚާއްސަ 300 ފްލެޓްވެސް ހިމެނެއެވެ. މި ކެޓަގަރީގައި ޖުމްލަ 26 އިދާރާ/މުއައްސަސާ ހިމެނެއެވެ. އޭގެތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، އެޓަރނީ ޖެނެރަލްގެ އޮފީސް، ފޮރިން ސަރވިސް، ޖުޑިޝަލް ސަރވިސް ކޮމިޝަން، އިލެކްޝަންސް ކޮމިޝަން، ސިވިލް ސާރވިސް ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެންޓި ކޮރަޕްޝަން ކޮމިޝަން، އޮޑިޓަރ ޖެނަރަލް އޮފީސް، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރ، ޗިލްޑްރަންސް އޮމްބަޑްސް ޕާރސަންގެ އޮފީސް، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓަސް އޮފީސް، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ވަޒީފާއާބެހޭ ޓްރައިބިއުނަލް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް ހިމެނެއެވެ.
ފްލެޓަށް އެދި ހުށައެޅުމުގެ އުސޫލާއި ޝަރުތުތައް އަދި ޕޮއިންޓްދޭނެ އުސޫލުތަކުގެ ޤަވައިދު މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި އާއްމުކޮށްފައެވެ. މި އުޞޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ފޯމު ހުށައަޅާނީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭ މަސައްކަތްތައް ކުރިއަށްގެންދާ www.hiyaavehi.gov.mv މެދުވެރިކޮށެވެ. އެގޮތުން އެޕްލިކޭޝަން ހުށަހެޅުއްވޭނީ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު” ނުވަތަ “މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު” ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންނެވެ.

