ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު “ބޯހިޔާވަހިކަން އެންމެންނަށް” އުސޫލުގެ ދަށުން، އަލަތު ކައިވެނި ކުރާ ފަރާތްތައް ނުވަތަ ޒުވާން އާއިލާތަކަށް ޚާއްސަކޮށް 250 ފްލެޓް ކަނޑައައަޅައިފިއެވެ. މި ސިޔާސަތުގެ މައިގަނޑު މަޤްސަދަކީ 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުސޫލުގެ ދަށުން ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ވަކި ކެޓަގަރީތަކަށް ބަހާލައިގެން ޚާއްސަ އިސްކަމެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން، ޒުވާން އާއިލާތަކުގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، އެފަދަ ފަރާތްތަކަށް ޚާއްސަ 250 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފްލެޓްތައް ދޫކުރުމުގައި، ޚާއްސަ ކެޓަގަރީތަކަށް ކަނޑައަޅާފައިވާ ޔުނިޓްތަކާއި އެނޫން ޔުނިޓްތައް ވެސް ކަނޑައަޅާނީ ޝަރުތު ހަމަވާ ފަރާތްތަކަށް ޕޮއިންޓް ދިނުމަށްފަހުއެވެ. މިކަމަށްޓަކައި ޚާއްސަ އުސޫލެއް ކަނޑައެޅިގެންދާނެއެވެ. އެ އުސޫލުގައި ޔުނިޓްތަކުގެ އަދަދާއި އެޕްލިކަންޓުންގެ އަދަދަށް ރިޢާޔަތްކޮށް ޔުނިޓް އެލޮކޭޝަން ހަދާނެއެވެ.
ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު 2024 ވަނަ އަހަރުގެ ޖަނަވަރީ 4 އިން ފެށިގެން މާރިޗު 3 ގެ ނިޔަލަށް ހުޅުވާލާފައިވާނެއެވެ. އެޕްލިކޭޝަން ހުށަހެޅޭނީ www.hiyaavehi.gov.mv ޕޯޓަލް މެދުވެރިކޮށެވެ. އަދި، އެއް ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅޭނީ “ބިން ދޫކުރުމުގެ އުސޫލު” ނުވަތަ “ފްލެޓް ދޫކުރުމުގެ އުސޫލު” ގެ ތެރެއިން އެންމެ އުސޫލެއްގެ ދަށުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

