ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން، ވިނަރެސް ޓަވަރުތަކުގެ 94 ކާރު ޕާކިން ޖާގަ ބީލަން އުސޫލުން ވިއްކުމަށް ހުޅުވާލައިފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ވިދާޅުވީ، މިދިޔަ އަހަރު ކާރު ޕާކިން ޖާގަ ބީލަމުގެ އުސޫލުން ދޫކުރުމަށް ކުރި އިއުލާނު ބާތިލްކޮށް، އުސޫލުތައް މުރާޖާކުރުމަށްފަހު، މި ޖާގަތައް ގަތުމަށް ހުޅުވާލީ ކަމަށެވެ.
އިތުރަށް، ވިނަރެސް ޓަވަރުތަކުގެ އިމާރާތުގެ ބޭރުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކާރު ޕާކިން ޖާގަތައް ފަހުގެ ތާރީހެއްގައި އިއުލާންކުރާނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
ބީލަމުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅަންޖެހޭ ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 15:30 އާ ހަމައަށެވެ. ޝައުގުވެރިވާ ފަރާތްތަކުން ފޯމާއި މައުލޫމާތު ކަރުދާހުގައިވާ ލިޔެކިއުންތައް މެއިލް ކުރުމަށް އިއުލާނުގައި ވެއެވެ.
ބީލަން ފޯމު ދޫކުރުން ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ 8:30 އިން ފެށިގެން އެ މަހުގެ 18 ވަނަ ދުވަހުގެ 15:30 އަށް އެޗްޑީސީގެ ރިސެޕްޝަނުންނެވެ. ބީލަމުގައި ބައިވެރިވުމަށް އެދި ހުށަހަޅާފައިވާ ފޯމުގައިވާ މައުލޫމާތާއި ލިޔެކިއުންތައް ބަލައި، ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ފޯމު ދޫކުރާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

