ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ކުރިއަށް އޮތް ތިން އަހަރަކީ ޤައުމީ ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވޭނެ ތިން އަހަރުކަމަށް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑޔާ (ޕީ.އެސް.އެމް) އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގަ އެވެ.
ނައިބުރައީސްގެ ވާހަކަފުޅުގައި، ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ދައުލަތާއި ޤައުމުގެ ހާލަތު އޮތް ގޮތް ފާހަގަކުރެއްވި އެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި، އޭރު ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅަށް އޮތުމުގެ ސަބަބުން، ސަރުކާރުން ހިންގަން ބޭނުންވި ގިނަ ތަރައްޤީގެ މަޝްރޫޢުތަކަށް މާލީ ދަތިކުރުންތައް ކުރިމަތިވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޤާނޫނީ ގޮތުން އިންތިޚާބުވެފައިވާ ސަރުކާރެއް މަޖިލީހުގެ ތެރެއިން ވައްޓާލުމަށް ވެސް މަސައްކަތް ކުރެއްވި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.
މިފަދަ ގޮންޖެހުންތަކާއި ކުރިމަތިލައްވައި، ދައުލަތް ހިންގުމަށް އޮތް ހިރާސްތައް ގިރާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރެއްވި ދުރުވިސްނުންފުޅު ނައިބުރައީސް ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރަކީ ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރުގެ މައްޗަށް ބިނާވެފައިވާ ޤައުމީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގޭނެ އަހަރުތަކެއް ކަމަށެވެ.
ނައިބުރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ދަތި އުނދަގޫ، ނަމަވެސް ގިނަ ރައްޔިތުންނަށް ފައިދާވާ ކަންކަން ކުރުމުގައި ފަސްޖެހިވަޑައިނުގަންނަވާކަން ފާހަގަކުރައްވާފަ އެވެ. މިކަންކަމަކީ ދުރާލާ ރޭވިގެން، މުވައްސަސާތަކަށް ދޭންޖެހޭ ޤާނޫނީ ބާރުވެރިކަން ދީގެން، ކުރިއަށް ގެންދެވޭ ކަންކަންކަމަށާއި، މިކަމުގެ ސަބަބުން ހެޔޮ ވެރިކަމުގެ ނިޝާންތައް ފެންނަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އަމާޒު ހިފުއްވައިގެން ހުންނަވަނީ އެކި ދާއިރާތަކުން ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކަމަށް ނައިބުރައީސް ވިދާޅުވި އެވެ. މިގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށް، އެއަރޕޯޓް ހުޅުވުމާއި، އެތެރޭގެ އުދުހުންތައް ފުޅާކުރުމާއި، ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުން ފަދަ ކަންކަން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ސަރުކާރަށް ރައްޔިތުން ދެއްވާފައިވާ ތާއީދާއި އިތުބާރު ރައީސުލްޖުމްހޫރިއްޔާ ދަމަހައްޓަވާނޭކަމުގެ ޔަގީންކަން ދެއްވަމުން، ނައިބުރައީސް ވިދާޅުވީ ޤައުމުގައި ހުރި މުހިންމު ކަންކަމަށް ހައްލު ހޯއްދަވައިދެއްވައި، އަސާސީ ހައްގުތައް ކަށަވަރުކޮށްދެއްވައި، އާމްދަނީ އިތުރުކޮށް، އިޤުތިޞާދީ އަދި އިޖްތިމާޢީ ހަމަޖެހުން ކަށަވަރުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާނޭ ކަމަށެވެ.

