ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އަދި މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް، މާލޭގެ ވިޔަފާރި ބަނދަރުގެ ހާލަތު ބައްލަވާލެއްވުމަށް މިއަދު އެ ބަނދަރަށް ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި މި ދެ ބޭފުޅުން ވަނީ ބަނދަރު ސަރަހައްދަށް ވަޑައިގެންފައެވެ. އަދި އެމްޕީއެލްގެ މަސައްކަތްތަކާ ގުޅޭގޮތުން، އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔަޑް) މުހައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްއިން ވަނީ މައުލޫމާތު އަރުވައިފައެވެ.
މާލޭ ވިޔަފާރި ބަނދަރަކީ ގިނަ ގައުމުތަކުން މުދާ އެތެރެކުރާ މުހިންމު ތަނަކަށް ވާއިރު، މި އަހަރުގެ އޭޕްރީލް 26 ވަނަ ދުވަހު ކަސްޓަމްސް އިން ހިފެހެއްޓި، 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް ހުރި ދެ ކޮންޓެއިނަރު އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެެވެ. މި ސިނގިރެޓްތަކުގެ ޑިއުޓީއަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް ކަސްޓަމުން ލަފާކުރެއެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެ އެތެރެކުރާ ކޮންޓެއިނާތައް ސްކޭން ކުރާ ސިސްޓަމް ބެހެއްޓުމަށް ކަސްޓަމުން ވަނީ ނިންމައިފައެވެ. މި ވަގަށް ނެގުނު ސިނގިރެޓްގެ މައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.

