ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ދިގު މުއްދަތުގެ ތަރައްގީގެ ޕްލޭނެއް އެކުލަވައިލައްވައި އެއަށް ގާނޫނީ ހައިސިއްޔަތު ހޯދައިދެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ދުރުރާސްތާ ޕްލޭނެއް ނެތުމުގެ ސަބަބުން ކޮންމެ ވެރިކަމެއް ފެށުމާއެކު ކުރީ ސަރުކާރުން ކުރި މަސައްކަތްތައް ހުއްޓުވައިލައި، އައު މަސައްކަތްތައް ފަށަމުންދެއެވެ. މިކަމުގެ ސަބަބުން ގައުމުގެ ތަރައްގީއަށް ހުރަސް އެޅޭކަން ފާހަގަކުރައްވައި، ގާނޫނީ ބާރުވެރިކަން ލިބިފައިވާ ތަރައްގީގެ ޕްލޭނެއް އޮތުމުގެ މުހިންމުކަން ރައީސް ޑރ.މުޢިއްޒު ދެކެވަޑައިގަންނަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. މިފަދަ ޕްލޭނެއްގެ ސަބަބުން ވެރިކަން ބަދަލުވިޔަސް، ތަރައްގީގެ މަޝްރޫއުތަކަށް އެއްވެސް ފަރާތަކަށް އަސަރު ނުކުރެވޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުގެ ތަފާތުތައް ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހުއްޓައިނުލައި ކުރިއަށްގެންދިއުމުގެ އިތުރުން، ފައިސާ ޗާޕުނުކޮށް، ދަރަނިތައް ދައްކައި، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދެމެހެއްޓިފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމުކޮށް، އިގުތިސާދު ހަރުދަނާކޮށް، މާލީ ހާލަތު ރަނގަޅުކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސިޔާސީ މަސްރަހަށް ރައީސް ޑރ.މުޢިއްޒު ގެންނެވި ބަދަލުތަކަށް އަލިއަޅުވައިލައްވަމުން، އަބްދުއްރަހީމް ވިދާޅުވީ މިއަދު ސިޔާސީ މަސްރަހުގައި އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާއި، ރާއްޖޭގައި ދުވަހަކުވެސް ނެތް މިންވަރަށް ސިޔާސީ ހަމަޖެހުން ގާއިމުކުރެވިފައިވާ ކަމަށެވެ. މާލޭގައި ކުރިއާލައި ހުއްދަ ނުހޯދައި އެއްވެ އުޅުމުގެ މިނިވަންކަން ދީފައިވާކަމަށާއި، ކުރީގެ ރައީސުންނަށްވެސް ގާނޫނުން ދޭންޖެހޭ ރައްކާތެރިކަމާއި ސިޔާސީ މަސައްކަތްކުރުމުގެ މިނިވަންކަން ލިބިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ޝަރުއީ ދާއިރާއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ރައީސް ޑރ.މުއިއްޒު ގެންނަވަމުންދާކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރެއްވުމަށް މާލީ ގޮތުން މިނިވަންކުރެއްވުމާއެކު، އެ ދާއިރާގެ މަސައްކަތްތަކަށް ބޭނުންވާ ވަސީލަތްތައްވެސް ސަރުކާރުން ފޯރުކޮށްދެމުންދާ ކަމަށެވެ.

