ބައިނަލްއަގުވާމީ ޓެކްނޮލޮޖީގެ ބޮޑު ކުންފުނި ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ، ބައިނަލްއަގުވާމީ މުޖުތަމަޢުގެ އިތުބާރު ރާއްޖެއަށް އޮތްކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގޫގުލްއިން ރާއްޖޭގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓް ކުރުމަކީ އިންވެސްޓަރުންނަށް ފަހި މާހައުލާއި ދެފުށް ފެންނަ ނިޒާމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އޮތްކަމުގެ ސިގްނަލެއް ކަމަށެވެ. “ދިވަރު”ގެ ނަމުގައި ގޫގުލްއިން ހިންގާ މި މަޝްރޫއަކީ، ރާއްޖޭގެ އިގްތިސާދު ޑިޖިޓަލް ގޮތުން ބާރުވެރިކޮށް، ސަރަހައްދީ ޑިޖިޓަލް ހަބަކަށް ހެދުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއެކު ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަޝްރޫއަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގޫގުލްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށްގެންދާ މަޝްރޫއެކެވެ.
ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ، މިއީ ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދެވޭ ތާރީޚީ މަޝްރޫއެއް ކަމަށެވެ. އަދި ހިތަދޫގައި ގާއިމުކުރާ ފެސިލިޓީގެ ސަބަބުން އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއަކަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.
ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން، ކްލައުޑް ސާވިސްއާއި ފިންޓެކާއި ޑިޖިޓަލް ކޮންޓެންޓާއި ޓެކްނޮލޮޖީ ސްޓާޓްއަޕްފަދަ ދާއިރާތައް ރާއްޖޭގައި ތަރައްގިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ލަފާކުރެއެވެ. ގޫގުލްއިން މި މަޝްރޫއު ހިންގަނީ ދިރާގާއި އުރީދޫއާ ގުޅިގެންނެވެ.

