އަންނަ އަހަރު، 2026 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ފަރުވާކުރުމަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. މި ނިންމެވުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ދިވެހި ސަރުކާރުން ދެއްވާ އިސްކަން ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވިއިރު، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުވުމަކީ އިންސާނީ ހައްޤެއް ކަމަށާއި، އެ ދާއިރާ ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ކުރިންވެސް ވިދާޅުވެފައެވެ.
ޤައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް އިސްކަންދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. މިގޮތުން، އާސަންދައިގެ ހިދުމަތްތައް ފުޅާކުރުމަކީ ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދުމުގައި ރައްޔިތުންނަށް ދިމާވާ މާލީ ދަތިތައް ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.

