ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތަކަށް ތަޢުލީމީ ނިޒާމް ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ފާސްވާ އިންސައްތަ ދަށްކަމަށާއި، ނަމަވެސް މިދިޔަ ދެ އަހަރުގެ ތެރޭގައި ގްރޭޑް 10 ނިންމާ މަތީ ސާނަވީގައި ބައިވެރިވި ދަރިވަރުންގެ އިންސައްތަ %31 އިން %49 އަށް މަތިކުރެވިފައިވާ ކަމަށެވެ.
ތަޢުލީމީ ދާއިރާއިން އެކަޑަމިކް، ވަރކް ބޭސް އަދި ވޮކޭޝަނަލް އެޑިއުކޭޝަން ހިމެނޭ ތިން ޕާތްވޭއެއް ކަނޑައަޅާފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އޯލެވެލް ނިންމުމަށްފަހު އޭލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް އިތުރުކުރުމަށްޓަކައި ކިޔަވައިދޭނެ ސްކޫލްތައް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ މަޤްޞަދަކީ ސްކޫލް ނިންމާ މަރުހަލާއަކީ ގްރޭޑް 12 އަށް ހެދުމުގެ އިތުރުން މުޅި ރާއްޖޭގައި ތަޢުލީމީ މުޖުތަމައެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.
މުޅިން އަލަށް އަންނަ އަހަރު ރާއްޖޭގެ ޕްރައިމަރީ ދަރިވަރުން ބައިނަލްއަޤްވާމީ ޓެސްޓެއްގައި ބައިވެރިކޮށް ބެންޗްމާރކް ކުރެވޭނެ ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ 150 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މަސައްކަތް ނިންމާ ދިރާސީ އަހަރަށް ސްކޫލްތަކަށް އިތުރުކުރުމުގެ މަސައްކަތް ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި މަސައްކަތްތަކުގެ ސަބަބުން އެއް ސެޝަނަށް ބަދަލު ނުކުރެވޭ ސްކޫލްތައް ބަދަލުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި މުދައްރިސުން ބިނާކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، މިގޮތުން ސަރުކާރުން ޚާއްސަ އިނާޔަތެއް ފޯރުކޮށްދީގެން 190 ދަރިވަރުން މުދައްރިސުކަމުގެ ތަމްރީން ހަދަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަތީ ތަޢުލީމް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ޔުނިވަރސިޓީ އާއި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމް.އެން.ޔޫގެ 26 މަޝްރޫޢުއާއި، އައި.ޔޫ.އެމްގެ 12 މަޝްރޫޢުއެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

