މިދިޔަ ދެ އަހަރުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ 333 ފަރާތަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުޖުތަމަޢުގެ ހަވާސާވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްފަދައިން އުޅުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިޖްތިމާޢީ ރައްކާތެރިކަމުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މީގެ ކުރިން އެންމެ ރަނގަޅަށް ސަމާލުކަން ދެވިފައިނުވާކަމަށެވެ. އެހެންކަމުން އެ ފަރާތްތަކަށް އެކި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ވަޒީފާގެ ފުރުޞަތުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކާއި ސިވިލް ސާވިސްގެ ތެރެއިން 333 ފަރާތަކަށް ވަޒީފާ ދީފައިވާކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުން 288 ފަރާތަކަށާއި ސިވިލް ސާވިސްގެ ތެރެއިން 45 ފަރާތަކަށް ވަޒީފާ ދެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އަދަދު މިހާރުވެސް ދަނީ އިތުރުވަމުންކަމަށާއި، މި ދާއިރާއިން އިތުރު ގިނަ ކަންތައްތަކެއް ކުރަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ މީހުންނަށް، އާމްދަނީ ލިބޭނެ މަގު ފަހިކުރުމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވެސް ދަނީ އެކި ކުންފުނިތަކާއި އިދާރާތަކާއެކު އެއްބަސްވުންތައް ޤާއިމުކުރަމުންނެވެ. މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އެފަދަ ފަރާތްތައް ބާރުވެރިކުރުވައި، މަސައްކަތުގެ މާޙައުލަށް ނެރުމުގެ އިތުރުން، އެހެން މީހުންވެސް ހިތްވަރު ލިބިގަނެ، ކޮންމެ މީހަކީވެސް މުޖުތަމަޢުގައި ބޭނުންތެރި މީހަކަށް ހެދުން ކަމުގައި ވުޒާރާއިން ބުނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާޙައުލެއް ޤާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިމާރާތްތައް ބިނާކުރާ ގޮތަށް ބަދަލު ގެނައުމުގެ އުޞޫލެއް ކަނޑައަޅާ، މިހާރު ހުރި އޮފީސްތަކުގައިވެސް ބަދަލު ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

