މާލޭ މަގުމަތިން ފުލުހުންގެ އެހީއަށް އެދުނު 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައިފިއެވެ. އަންހެންމީހާއަށް ޖިންސީ އަނިޔާ ކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ދިނީ އައިޖީއެމް ހޮސްޕިޓަލުންނެވެ.
ފުލުހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އިއްޔެ، ނޮވެމްބަރ 16 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި، މާލޭ މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ. ހޮސްޕިޓަލުން އެ އަންހެންމީހާ ބެލުމަށްފަހު، އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވޭތީ، ހަމަ އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެއެވެ. އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުންނެވެ. އަދި އަނިޔާ ލިބިފައިވާ ފަރާތަށް ބޭނުންވާ ސިއްހީ ފަރުވާއާއި ސައިކޯސޯޝަލް އެހީތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށް ފުލުހުން ބުނެއެވެ.
ޖިންސީ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، އެފަރާތްތައް އިތުރަށް ވިކްޓިމައިޒް ނުކުރުމަށާއި، އަނިޔާ ލިބުނު ފަރާތާއި އެ އާއިލާގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އަދި އެފަރާތްތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

