ސަރުކާރުން ދޫކުރާ ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ބޯހިޔާވަހިކަމުގެ ދާއިރާއިން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ތަފްސީލްތަކެއް ޙިއްސާކުރައްވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ވެފައިވާ ވަޢުދުފުޅާ އެއްގޮތަށް، މީގެ ކުރިން ގޯއްޗާއި ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގައި ދޫކުރާ ބޯހިޔާވަހިކަން އެގޮތުގައި ދިނުމުގެ މަސައްކަތްތައް އުސޫލާ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އެއިން އެއްވެސް ލިސްޓަކަށް ބަދަލުނުގެނެސް، އެންމެ ޙައްގުވެރިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހުޅުމާލެއާއި ގުޅިފަޅުން ދޭން ނިންމި ގޯތިތައް ހަވާލުކޮށްފައިވާއިރު، ނުހިއްކާ އޮތް ގިރާވަރު ފަޅުން ދިން ގޯތިތަށް ދިނުމަށް އެ ބިން ހިއްކުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށެވެ. މީގެ އިތުރުން، ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތްވެސް މިއަހަރަށް ނިންމާ، އެތަނުން ދޭން ކަނޑައެޅި ގޯތިތައް އަތު ނުލާނެކަމަށް ރައީސް ވިދާޅުވިއެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް މި މަހުގެ 23 ވަނަ ދުވަހު އިތުރު ޑްރެޖަރުތައް ރާއްޖެ ގެނެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުން އިޢުލާނުކުރި “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތަކީ މާލޭ ސަރަޙައްދުގައި ދިރިއުޅޭ ރަށްވެހިންގެ ދުވަސްވީ ކެކުޅުންތަކަށް ދާއިމީ ޙައްލެއް ގެނެސްދޭނެ އެންމެ ބޮޑު މަސައްކަތްކަމަށެވެ. މި ސިޔާސަތުގެ ދަށުން 15،000 ގޯއްޗާއި 7،500 ފްލެޓް ދޭން ނިންމާ އުސޫލު ވަނީ އިޢުލާނުކޮށްފައެވެ. އަދި މި ސްކީމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގައި ހުޅުވާލާނެއެވެ.

