ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ދައުވާތަކުގައި އޭނާ ރާއްޖެ ގެނެވޭނީ އަދުލުވެރި ޝަރީއަތެއް ކުރެވޭނެ މަގުފެހިވެގެންކަމަށް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވުނު ޕްރެސް ކޮންފަރެންސެއްގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް އޮފީހުންނާއި ޖޭއެސްއީ އިން އިގިރޭސި ވިލާތުގެ ކޯޓުތަކާއި ނުކުޅެވޭނެ ކަމަށާއި އޭނާ ރާއްޖެ ގެނެވޭނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ރާއްޖެ ގެނެވޭނީ އަދުލު އިންސާފްވެރި ޝަރީއަތެއް ކުރެވޭނެ މަގުފަހު ވުމުން ކަމަށާއި ސައްޚަ ތަހުޤީގެއްގެ މައްޗަށް ކުރާ ސައްޚަ ދައުވާއެއް ނަމަ ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެކަން ޤަބޫލުކުރާނެ ކަމަށް އަލީ ވަހީދުވަނީ ވިދާޅުވެފައެވެ.
އަލީވަހީދު އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ކުރެވޭ ދައުވާ އަކީ އޭނާ ފްރޭމް ކުރުމަށް ކުރެވޭ ދޮގު ތުހުމަތެއް ކަމަށާއި މިމައްސަލައިގައި އިންސާފް ހޯދާނެ ކަމަށެވެ.
ޕްރެސް ކޮންފަރެންސުގައި ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ އިންޓަރޕޯލް ރެޑް ނޯޓިސް ނެރުނަސް އަލީ ވަހީދު ރާއްޖެ ގެނެވޭނެ ގޮތެއް ނެތް ކަމަށާއި އެހެންނަމަވެސް އަދިވެސް އޭނާ ގެނައުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން ގެންދާ ކަމަށެވެ.
ކަމިޝަނަރ އޮފް ޕޮލިސް ވިދާޅުވާ ގޮތުގައި އިންޓަޕޯލުގެ ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ޤައުމުގައި އެކިގޮތްގޮތަށް އެއަށް އަމަލުކުރާ އެއްޗެއްކަމަށާއި، އެހެންކަމުން އިންޓަޕޯލު ރެޑް ނޯޓިސް ނެރުނަސް ކޮންމެ މައްސަލައެއްގައި ހިމެނޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ރާއްޖޭގެ ޖުރިސްޑިކްޝަންގެ ތެރެއަށް ނުގެނެވޭނެއެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ 7 ދަޢުވާއެއް ކްރިމިނަލް ކޯޓުގައވަނީ އުފުލާފައެވެ.

