ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ (ވީއައިއޭ) އައު އިންޓަރނޭޝަނަލް ޕަސެންޖަރ ޓަރމިނަލަށް އިތުރު ތިން އެއަރލައިނެއްގެ ޚިދުމަތް މިދިޔަ ހަފްތާގައި ބަދަލުކޮށްފިއެވެ. މިއާއެކު މިޒަމާނީ ޓަރމިނަލުން ޚިދުމަތްދޭ އެއަރލައިންތަކުގެ ޖުމްލަ އަދަދު މިވަނީ 25 އަށް އަރާފައެވެ.
އައު ޓަރމިނަލަށް އެންމެ ފަހުން ޚިދުމަތް ބަދަލުކުރި އެއަރލައިންތަކުގެ ތެރޭގައި ލޯ-ކޯސްޓް އެއަރލައިން ކަމަށްވާ، އެއަރއޭޝިއާ މެލޭޝިޔާ އަދި ތައި އެއަރއޭޝިއާ ހިމެނެއެވެ. މި ދެ އެއަރލައިނަށް އައު ޓަރމިނަލުން ޚިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
މީގެ އިތުރުން އޮސްޓްރިއާގެ ޤައުމީ އެއަރލައިން ކަމަށްވާ އޮސްޓްރިއަން އެއަރލައިންސްއަށް މިމަހުގެ 15 ވަނަ ދުވަހު އައު ޓަރމިނަލުން ވަނީ ޚިދުމަތް ދޭން ފަށާފައެވެ. މި ޚިދުމަތްތައް ފެށުމާއި ގުޅިގެން ވީއައިއޭގައި ވަނީ ޚާއްސަ ހަފްލާތައް ވަކިވަކިން ބާއްވާފައެވެ. އަދި އެ އެއަރލައިންތަކުން ރާއްޖެއަށް އައި ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މިގޮތުން، އައު ޓަރމިނަލަކީ ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ.
މި ޓަރމިނަލުގެ ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މިއީ އައު ޓަރމިނަލާއެކު މުޅިން އަލަށް ރާއްޖެއަށް ތަޢާރަފްކުރެވޭ ޚިދުމަތެކެވެ. މީގެ އިތުރުން، އައު ޓަރމިނަލުގައި ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ޤާއިމް ކުރެވިފައިވެއެވެ.
ހަމަމިއާއެކު ޓަރމިނަލުގައި 12 އެއިރޯ ބްރިޖްވެސް ވަނީ ޤާއިމްކޮށްފައެވެ. މިއިން ކޮންމެ އެއިރޯ ބްރިޖަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު އޭސީ ކުރެވިފައިވާ ބްރިޖްތަކެއް ކަމަށާއި މިކަމުގެ ސަބަބުން ފްލައިޓުން މީހުން ބޭލުމަށް ހޭދަވާ ވަގުތު 8 މިނިޓަށް ކުޑަވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވަނީ ވިދާޅުވެފައެވެ.

