މިހާރު ކުރިއަށްދާ، ތިނަދޫސިޓީ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް7 ވަނަ މުބާރާތުގައި ބައިވެރިވެ ބައެއް މެޗުތައް ކުޅެފައިވާ ތިނަދޫ ސިޓީ ގެ ޖަމްޢިއްޔާއެއް ކަމުގައިވާ ދަނޑެކޮޑިއަންސް މުބާރާތުން ސަސްޕެންޑް ކޮށް ކުރިޔަށް އޮތް 5 އަހަރަށްވެސް ބައެއް ކަންކަމުން ޓީމާއި އޮފިޝަލުންނަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފިއެވެ.
މުބާރާތުގެ ޑިސިޕްލިން ކޮމިޓީން މިފަދަ ފިޔަވަޅު ތަކެއް އެޅީ ރޭ ދަނޑެކޮޑިއަންސް އާއި އޭއެސްއެމްއެޗް އާރސީ ( ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ގެ ރެކްރިއޭޝަން ކްލަބް) ބައްދަލުކުރަން އޮތް މެޗުގެ ރެފްރީ އާއި މެދު ހިތްހަމަ ނުޖެހިގެން މެޗު ދޫކޮށް ދިއުމާއި މުބާރާތާ ގުޅުން ހުރި އިތުރު ކަންތއްތަކާ ގުޅިގެން ކަމަށް މުބާރާތް އިންތިޒާމް ކޮށް ހިންގާ ހަވަރު ސްޕޯޓްސް އިން ހުވަދޫ މީޑިއާ އަށް މައުލޫމާތު ދީފައި ވެއެވެ.
ޑިސިޕްލިން ކޮމިޓީން ނިންމި ނިންމުން:
- ތިނަދޫސިޓީ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް7 ،2025 މުބާރާތުގައި ކްލަބް ދަނޑެކޮޑިއަންސް ޓީމް ނުކުޅެ ބާކީ ހުރި މެޗް/މެޗްތަކަށް ސަސްޕެންޑް ކުރުން.
- ކްލަބް ދަނޑެކޮޑިއަންސް ޓީމްގެ 4 އޮފިޝަލުން ( ކޯޗް ނަސީރާ މުހައްމަދު ،މެނޭޖަރ މަރިޔަމް ލަމްހާ، ފަސްޓްއެއިޑް އާމިނަތު ސަމާހާ، އޮފިޝަލް ނައުފް އާދަމް ) ހަވަރު ސްޕޯޓްސް އަދި ޑަބްލިއުޑީސީ އިން ރާވާހިންގާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރި ނުވެވޭގޮތަށް 5 އަހަރު ދުވަހަށް ސަސްޕެންޑް ކުރުން.
- ކްލަބް ދަނޑެކޮޑިއަންސް ޓީމްގެ އޮފިޝަލުންގެ ސަސްޕެންޝަނާއި ގުޅިގެން އެޓީމުގެ ނައުފު އާދަމް ފަޔަރސްޓޯމްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުރިޔަށްހުރި މެޗްތަކަށް އެޓީމުންވެސް ސަސްޕެންޑް ކުރުން.
- "ކްލަބް ދަނޑެކޮޑިއަންސް" ނަމުގައި ހަވަރު ސްޕޯޓްސް އަދި ޑަބްލިއުޑީސީ އިން ރާވާހިންގާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރި ނުވެވޭގޮތަށް 5 އަހަރު ދުވަހަށް ސަސްޕެންޑް ކުރުން.
- ތިނަދޫސިޓީ ޑަބްލިއުޑީސީ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް7 ،2025 ގެ މުބާރާތް ފެށުނު ދުވަހުން ފެށިގެން މުހައްމަދު ނާއިފް، ދަނޑުބޭރުގައި ހުރެގެންނާއި ސޯޝަލް މީޑިއާގައި ކުޅިވަރުގެ ރޫހާ ހިލާފު ބޭއަދަބީ ބަސްތައްބޭނުންކޮށް ޓީމްތަކަށް ފުރައްސާރަކުރަމުންދާކަން މިމުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީއަށް ފާހަގަ ކުރެވިފައިވާތީ، ކްލަބް ދަނޑެކޮޑިއަންސް ޖަމިއްޔާގެ އެކްސްކޯ މެމްބަރ މުހައްމަދު ނާއިފް / މަހްމާވިލާ ، ހަވަރު ސްޕޯޓްސް އަދި ޑަބްލިއުޑީސީ އިން ރާވާހިންގާ އެއްވެސް ކުޅިވަރު މުބާރާތެއްގައި ބައިވެރި ނުވެވޭގޮތަށް 5 އަހަރު ދުވަހަށް ސަސްޕެންޑް ކުރުން.
- ދަނޑެކޮޑިއަންސް ޓީމަށް އައި ވަރުގަދަ ސަސްޕެންޑާ ގުޅިގެން ހޮސްޕިޓަލް ޓީމަށް ވަނީ މެޗް ކުޅުމަކާ ނުލާ 3 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން މިހާރު އެ ޓީމަށް ވަނީ 3 މެޗުން ޖުމްލަ 6 ޕޮއިންޓް ލިބިފައެވެ.

