މާފަންނުގެ ގެއެއްގައި އުމުރުން 18 އަހަރުގެ އަންހެނަކު ހުއްދަނޫން ގޮތުގައި ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަޙްޤީގުކުރަން ފަށައިފިއެވެ. މިރޭ އިރުއޮއްސި 06:11 އެހާކަށްހާއިރު ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލައަކީ މާފަންނު ސަރަހައްދުގައި ހުންނަ ގެއެއްގައި 18 އަހަރުގެ އަންހެނަކު ބަންދުކޮށް، ގަދަކަމުން ހިފަހައްޓައި، ޖިސްމާނީ އަނިޔާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ. ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ މިމައްސަލައިގެ ތަޙްޤީގު ފަށާފައެވެ.
މިފަދަ ކުށްތައް ފެންމަތިވަމުންދާއިރު، މިމަހުގެ 16 ވަނަ ދުވަހުވެސް އުމުރުން 24 އަހަރުގެ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ. އެ މައްސަލަވެސް ފުލުހުން މިހާރު ގެންދަނީ ތަޙްޤީގުކުރަމުންނެވެ.
މި ދެ މައްސަލައާ ގުޅިގެންވެސް އިތުރު ތަފްޞީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

