ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިންގަނީ ފައިދާގައި ކަމަށާއި، މިހާރު ބައިނަލްއަޤްވާމީ ބޭންކުތަކުންވެސް ބީއެމްއެލް ބަލައިގަނެފައިވާ ކަމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، ޕީއެސްއެމްގެ ހަފުތާ 104 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އޭނާ ވަނީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއިން ހޯދި މުހިންމު ކާމިޔާބީތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރާއްޖޭގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ގިނަ ކަސްޓަމަރުން ތިބި ބޭންކަކީ ބީއެމްއެލް ކަމަށްވާއިރު، ސީއީއޯ ޝަރީފް ވިދާޅުވީ، ބޭންކުގެ ހިންގުމާ އޭނާ ހަވާލުވެ ވަޑައިގެންނެވިއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރި ކަމަށެވެ. އެގޮތުން، ކޯވިޑް-19ގެ ސަބަބުން ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެ، އެކަމުން އަރައި ނުގަނެވި އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ސަރުކާރުގެ އެހީތެރިކަމާއެކު މިހާރު އެ ހަލާތުން އަރައިގަނެވިފައިވާ ކަމަށާއި، ބޭންކުގެ މާލީ ހާލަތުވެސް ވަރަށް ރަނގަޅުކަން ޝަރީފް ފާހަގަކުރެއްވިއެވެ. “އަޅުގަނޑުމެން މިއަހަރު ނިންމާލާނީ، އަނެއްކާވެސް ރެކޯޑު އަހަރެއްގެ ގޮތުގައި. މިދެންނެވީ ބޭންކަށް ލިބޭ ފައިދާގެ ގޮތުންވެސް ބޭންކަށް ލިބޭ ފައިނޭންޝިއަލް ރެޝިއޯތަކުންވެސް. މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ހުރި ނަންބަރުތަކުން އަޅުގަނޑުމެންނަށް އެކަން ހާމަވޭ. އަޅުގަނޑުމެންގެ ސްޓްރެޓިޖިކް ޕްލޭނުގައިވެސް އޮންނާނެ ވިޔަފާރި އިތުރަށް ފުޅާކުރަން. އެހެން ކަމުން މިއަންނަ އަހަރަކީވެސް މިއަހަރަށްވުރެ ކާމިޔާބު އަހަރަކަށް ވެގެންދާނެ،” ޝަރީފް ވިދާޅުވިއެވެ.
ސީއީއޯ ޝަރީފް އިތުރަށް ވިދާޅުވީ، ބޭންކަށް ފައިދާވަމުންދާއިރު، ބޭންކުން މަސައްކަތް ކުރަނީ އާންމުންނަށްވެސް އެކަމުގެ މަންފާ ކުރާނެ އުސޫލެއްގެ ތެރެއިން ކަމަށެވެ. މިގޮތުން އާންމު އިޖްތިމާޢީ ޒިންމާ (CSR)ގެ ދަށުން ބޭންކުން ގިނަ ޚަރަދުތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭންކު ފެށުނުއިރު 10 މިލިޔަން ރުފިޔާގެ ކެޕިޓަލްއަކުން ފެށުނު ނަމަވެސް، މިއަދު 15 ބިލިޔަން ރުފިޔާގެ ކެޕިޓަލްއަކަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައި، ޝަރީފް ވިދާޅުވީ ވިޔަފާރީގެ ފައިދާ އިތުރުކޮށް ކެޕިޓަލް ބޭސް ބޮޑުކުރަނީ ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް ކަމަށެވެ.
“އަޅުގަނޑުމެން ބޭނުންވޭ މިއަށްވުރެވެސް ބޮޑަށް ކެޕިޓަލް އިތުރުކޮށް ރާއްޖެއިން ބޭރަށްވެސް ފުޅާވެގެންދާން. އެގޮތަށް ބަލާއިރު ބޭންކް މިއޮތީ، އެ ލެވެލްއަށް އާދެވިފައި. ބޭންކުގެ ވިޔަފާރިތައް ރަނގަޅު. ބޭންކުގެ ރިސްކް މެނޭޖްމެންޓް ވަރަށް ވަރުގަދަ. އަޅުގަނޑުމެން ކުރާ އެއް ކަމެއް ރާއްޖެއިން ބޭރުގެ ބޭންކުތަކަށް ބޭންކު ޕްރެޒެންޓު ކުރަން. އެއީ ގުޅުން ޤާއިމްކުރުމަށް. އެބޭފުޅުންވެސް ޤަބޫލުކުރައްވާ ބޭންކުގެ ސްޓްރެންތު،” ޝަރީފް ވިދާޅުވިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ޚިދުމަތް ފުޅާކޮށް ވިޔަފާރީގެ ކުރިއެރުން ހޯދަމުންދާއިރު، އޭނާ ވަނީ ބޭންކު ހިންގަމުންދަނީ ޤާނޫނުތަކާއި، ޤަވާއިދުތަކާ އެއްގޮތަށް ކަމަށް ޔަޤީންކަން ދެއްވާފައެވެ. އަދި ބޭންކުން ޚިދުމަތް ދެނީ، އަބަދުވެސް ބޭންކުގެ ކަސްޓަމަރުންނާއި ޙިއްސާދާރުންގެ މަސްލަޙަތައް ބަލައިގެން ކަމުގެ ޔަޤީންކަން ސީއީއޯ މުހައްމަދު ޝަރީފް ވަނީ ދެއްވާފައެވެ.

