ހަށިވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، މާލޭގައި ހިންގާ ސެލޫނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައި ފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މާލޭ ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގާ “ޕީސް ސެލޫން އެންޑް ސްޕާ” ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން، ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޑުގެ ތިން އަންހެނުންނާއި، ދިވެހި ފިރިހެނެކެވެ. އެއީ، ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ތައިލެންޑުގެ ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި، ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި، ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ސަމާމް ރަޝީދު (28އ) ފަސް ދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި، ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިން ދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

