މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އއ. މާޅޮހުގެ ގެއަކުން ހަތިޔާރު ބޭނުންކޮށްގެން ބޮޑެތި ޒަޚަމްތަކެއް ދިނުމަށްފަހު މަރާލާފައިވާ އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމްގެ މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި ދަޢުވާ އުފުލާފައިވަނީ އިއްޔެ ކްރިމިނަލް ކޯޓަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް، އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭ ފަދަ ބޮޑެތި ޒަޚަމްތަކެއް ދީ މަރާލާފައިވާ މައްސަލާގައި 3 މީހެއްގެ މައްޗަށް ދަޢުވާކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް އިއްޔެ ހުށައަޅާފައިވާ ކަމަށެވެ.
ޢަބްދުއްރަޙްމާން އާދަމް މަރާލާފައިވާ މައްސަލާގައި ދަޢުވާ އުފުލުފާއިވާ 3 މީހުންނަކީ، އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދާއި އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްއެވެ. އެ 3 މީހުންގެ މައްޗަށްވެސް އުފުލާފައިވަނީ، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލަ ހިނގާދިޔައިރު ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ، ޢަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނެސް، ޕޯސްޓްމޯޓަމެއްވެސް ހަދާފައެވެ. އިންޑިޔާއިން ޕޯސްޓްމޯޓަމް ހެދުމަށްފަހު އޭނާގެ ޖަނާޒާ ބޭއްވީ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާން ނިޔާވީ، ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ޖުލައި 13 ވަނަ ދުވަހުއެވެ.
ޢަބްދުއްރަޙްމާން ނިޔާވިއިރު އޭނާގެ ޢުމުރަކީ، 65 އަހަރެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޒަޚަމްތަކަކާއެކު ފެނިފައިވާ ޢަބްދުއްރަޙްމާން ދިރިއުޅެމުން ދިޔައީ ގޭގައި އޭނާގެ އަނބިމީހާއެކުގައެވެ. ނަމަވެސް ހާދިސާ ހިނގި ވަގުތު އަނބިމީހާ ހުރީ އެގޭގެ އެހެން ކޮޓަރިއެއްގައިކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު މަޢުލޫމާތު ދީފައިވެއެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ޓީމެއް މާޅޮހުގައި ހަރަކާތްތެރިވެފައިވެއެވެ. އަދި އެ ރަށަށް އަރައި ފައިބާ މީހުން މޮނިޓަރވެސް ކުރިއެވެ.

