މާލެ ސަރަހައްދުގައި ޑޮކްޓަރަށް ދެއްކުން ފަސޭހަ ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ ފުރަތަމަ ޖެނެރަލް ޕްރެކްޓިޝަނާ (ޖީޕީ ކްލިނިކް) މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. "އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރު"ގެ ނަމުގައި މާފަންނު ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހުޅުވުނު މި މަރުކަޒު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރާ ރަސްމީކޮށް ޙަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅުދައްކަވަމުން، މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް ޢަބްދުލްރައްޒާޤް ޙަލީމް ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު މިފަދަ ސެންޓަރުތަކެއް މާލެ ސަރަޙައްދުގައި ހުޅުވުމުން ރައްޔިތުންނަށް ހުރި ފައިދާތަކާއި، ލިބޭނެ ލުއިފަސޭހަކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، މިއަދަކީ ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކޮށް، ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމުގެ ތެރެއިން ތަކުލީފް ކުޑަކޮށް ފަސޭހައިން ހިދުމަތް ދިނުމަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދެމުން އަންނަ އަހަންމިއްޔަތުކަން ހާމަވެގެންދާ އުފާވެރި ދުވަހެއް ކަމަށެވެ. ރައީސް މުއިއްޒު މިކަމަށް ވަރަށް އިސްކަމެއް ދެއްވައި، ކެނޑިނޭޅި އިރުޝާދު ދެއްވަމުން ގެންދަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޞިއްޙީ ސިޔާސަތާ އެއްގޮތަށް، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރުތައް ފަރުމާކުރެވިފައިވަނީ ބަލިމަޑުކަމުން ސަލާމަތްވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވެގެންދާނެ ޚިދުމަތްތަކެއް، އެ ސެންޓަރުގެ އެހީގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެގޮތަށެވެ.
މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ 3 ބަޔަކަށެވެ. އެއީ، އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ހިންގަވާ ޕްރޮގްރާމްތައްވެސް މި މަރުކަޒުގައި ކުރިއަށްގެންދަވާނެއެވެ. އެގޮތުން، ޗައިލްޑް ހެލްތު ކްލިނިކް މެދުވެރިކުރައްވައި، އެކުދިންގެ ހެދިބޮޑުވުން މޮނިޓަރކޮށް، ވެކްސިން ދިނުން ފަދަ ޚިދުމަތްތައް މި ސެންޓަރުން ފޯރުކޮށްދެއްވާނެއެވެ. ހަމައެއާއެކު ޞިއްޙީ ރަނގަޅު އާދަތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި، ދުންފަތާ ދުރުވުމަށް އެހީވެދޭ ކުލިނިކް ފަދަ ކުލިނިކްތަކުގެ ޚިދުމަތްވެސް މި ސެންޓަރުން ލިބޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ ހުޅުއްވައިދެއްވުން
ބަލިޖެހުމުގެ ކުރިން، ބަލިތަކުން ދިފާޢުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޞިއްޙީ ސިޔާސަތުގެ މުހިންމު ބަހާއަކަށް ވާއިރު، މިފަދަ އިތުރު 5 ސެންޓަރު މާލެ ސަރަޙައްދުގައި ތަރައްޤީކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާލޭގައި 3 ސެންޓަރު އަދި ހުޅުމާލޭގައި 2 ސެންޓަރު ތަރައްޤީކުރައްވާނެއެވެ. ޞިއްޙީ ދާއިރާ ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ ބޮޑު އިސްކަމެއްދެއްވާފައިވާ ދާއިރާއަކީވެސް ޞިއްޙީ ދާއިރާއެވެ.
މާފަންނު، އަރބަން ޕްރައިމަރީ ހެލްތުކެއަރ ސެންޓަރ، ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެ ސެންޓަރު ބައްލަވާލައްވައި، އެ ސެންޓަރުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި، ދަޢުލަތުގެ އިސްވެރިންގެ އިތުރުން ޞިއްޙީ ދާއިރާގެ ގިނަ ޢަދަދެއްގެ ޚިދުމަތްތެރިން ބައިވެރިވެވަޑައިގަތެވެ.

