ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓާމިނަލުގައި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެންމެ ޒަމާނީ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަން ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ، އީގޭޓްތައް ހަރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޭނުންކުރާ ދިވެހިންނާއި ފަތުރުވެރިން ބޯޑަރ ކޮންޓްރޯލް ކައުންޓަރުތަކުގައި ގިނައިރު ކިއުގައި ހޭދަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނައުން ކަމުގައެވެ. މިގޭޓުތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ފީޗަރތައް ހިމެނޭ، އެއްފަހަރު ޕާސްޕޯޓު ސްކޭންކުރުމަށްފަހު، ދެން ފޭޝަލް ރެކޮގްނިޝަންގެ ޒަރިއްޔާއިން ބޯޑަރު ހުރަސްކުރެވޭނެ އިންތިޒާމު ހިމެނޭ ގޭޓްތަކެކެވެ.
އައު ޓަރމިނަލުގެ އެރައިވަލް އަދި ޑިޕާޗަރ ހިމެނޭހެން ކޮންމެ ޓާރމިނަލްއެއްގައި 10 ގޭޓް ހިމެނޭހެން ޖުމްލަ 20 ގޭޓް ހަރުކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެހެނިހެން އިންޓަރނޭޝަނަލް އެއަރޕޯޓްތަކުގައިވެސް 2026 ވަނަ އަހަރު މިފަދަ އީގޭޓްތައް ހަރުކުރެވި، ބޭނުންކުރަންފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި ޓާމިނަލުގައި ޑިޕާޗަރ ހޯލުގައި 47 ޗެކިން ކައުންޓަރު ހުރެއެވެ. އަދި އަމިއްލައަށް ޗެކިން ކުރެވޭ 6 ސެލްފް ސާވިސް ޗެކިން ކިއޮސްކް ވަނީ ބަހައްޓާފައެވެ. މީގެ އިތުރުން ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރ ވެސް ޤާއިމްކުރެވިފައިވެއެވެ. ޓާމިނަލް ހުޅުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުކަމަށް ވިދާޅުވެފައެވެ.

