“ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް” (ޖީޖީޓީސީ) އިން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދެކޮޅަށް ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ އަގުވަޒަންކުރައްވާ ޚާއްސަ އިންޓަރގްރިޓީ އެވޯޑެއް ރާއްޖެއަށް އަރުވައިފިއެވެ. މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް) ގެ 11 ވަނަ ސެޝަނުގެ ތެރެއިންނެވެ. މިއެވޯޑަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކޮށް ފާގަތި މުސްތަޤުބަލެއް ދިވެހީންނަށް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ސަރުކާރުން ވިދާޅުވި ގޮތުގައި، އިންޓަރގްރިޓީ އެވޯޑާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަލްމާއެވެ. މި އެވޯޑު ދެއްވާފައިވަނީ ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ފަރާތްތައް އެއްތަންވާ މުހިންމު ފޯރަމެއް ކަމަށްވާ ކޮޕްގެ 11 ވަނަ ސެޝަންގެ ތެރެއިންނެވެ.
ދުންފަތާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ބައިނަލްއަޤުވާމީ މައިދާނުން ބަލައިގަންނަމުންދިޔުމާއި، ދެއްވަމުންދާ އެއްބާރުލުމުން ފެނިގެންދަނީ ރާއްޖެއިން މިކަމުގައި ދެގޮތެއް ނުވެ އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެވެ. އެގޮތުން، ސަރުކާރުން ވަނީ ޔަގީންކަމާއެކު ސިޔާސަތުތަކަށް ޢަމަލުކުރަން ފަށާފައެވެ. ވަކިން ޚާއްސަކޮށް، އިލެކްޓްރޯނިކް ސިގިރެޓާއި ދުންފަތުގެ އެހެނިހެން ބާވަތްތަކުން ނަގަމުންދާ ޑިއުޓީ ބޮޑުކުރުމާއި، ވަކި ޢުމުރަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލުކުރުން ޤާނޫނަކުން މަނާކުރުމަށް ވަރުގަދަ ފިޔަވަޅުތައް އަޅާފައެވެ. މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ “ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް-އެފްސީޓީސީ” ގައި ހިމެނޭ ޤައުމުތަކަށް ރާއްޖެ ވަނީ ނަމޫނާއަކަށް ވެފައެވެ. މިކަން އެ އިދާރާއިންވެސް ފާހަގަކުރައްވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.
“ގުޑް ގަވަރނެންސް އިން ޓޮބޭކޯ ކޮންޓްރޯލް- ޖީޖީޓީސީ”އަކީ ދުންފަތާއި ދެކޮޅަށް ބައިނަލްއަޤުވާމީގޮތުން މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ. މިޖަމްޢިއްޔާގެ މަޤްސަދަކީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ އެކި އިދާރާތަކާއި ޤައުމުތަކާއެކު، ދެފުއްފެންނަ ނިޒާމަކާއި، ޒިންމާދާރުކުރުވޭނެ ނިޒާމެއް ޤާއިމުކުރުމެވެ. އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމުގެ ސިނާޢަތާއި ދެކޮޅަށް މަސައްކަތްކުރުމަކީވެސް މިޖަމްޢިއްޔާގެ މުހިންމު އެއް މަސައްކަތެވެ.

