ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ %91 މަސައްކަތް ނިމިއްޖެއެވެ.
މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، އުތުރު ފަރާތް ހަތަރު ލޭނަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ މުހިންމު ބައެއްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ އެމްޓީސީސީން ހާމަކޮށްފިއެވެ. އެގޮތުން، މި މަޝްރޫއުގެ ސެގްމެންޓް އެކެއްގެ %91 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 830 މީޓަރުގެ މަގެއް ހަދާއިރު، މީގެ ތެރެއިން 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ވަނީ ހިމެނިފައެވެ. މަގު ތަރައްގީ ކުރުމުގެ މަސައްކަތުގައި ތާރު އެޅުމާއި ސަބްބޭސް ތައްޔާރު ކުރުމުގެ އިތުރުން، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެއެވެ.
އެމްޓީސީސީން ހާމަކުރައްވާފައިވާ ގޮތުގައި، ސެގްމެންޓް އެކެއްގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، މިހާރު ކުރިއަށް ދަނީ ސަބް ގްރޭޑްގެ މަސައްކަތް ނިމި، އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) އެޅުމުގެ މަސައްކަތެވެ. މީގެ އިތުރުން މަގުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތާއި ޕޭމަންޓް ހެދުމުގެ 87 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތް ފުޅާކޮށް 4 ލޭންއަށް މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް 830 މީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ އިތުރުން ރޯޑް މާކިންއާއި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މި މަޝްރޫއަކީ 144 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަގު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ

