މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނުކުޅެދުންތެރިކަން ހުންނަ 40 މީހަކަށް ވަޒީފާ ހަމަޖައްސައިދީފި އެވެ. މި ވަޒީފާތައް ހަމަޖައްސައިދީފައި ވަނީ އެމްޕީއެލްގެ “ފަހި ޕްރޮގުރާމް – އެކުއެކީ، ގުޅިގެން”ގެ ދަށުންނެވެ. މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް އެމްޕީއެލް އިން ހާއްސަކޮށް ފަށާފައިވާ ޕްރޮގްރާމެކެވެ.
މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ވަޒީފާ ހަމަޖެހުނު ކަމުގެ ލިއުންތައް ހަވާލު ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
އެމްޕީއެލްއިން ބުނީ، މި 40 މީހުންނަށް ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދީފައިވީ ނަމަވެސް، އެ މީހުންގެ ގާބިލިއްޔަތުކަން ހުރި ދާއިރާތައް ދެނެގަތުމަށް ފަހު، ކުރިއަށް އޮތް ތަނުގައި އެ ދާއިރާތަކުން ދާއިމީ އޮނިގަނޑުގެ ތެރެއިން ވަޒީފާ ދޭން ހަމަޖެހިފައިވާ ކަމަށެވެ.
މިއަދު ވަޒީފާ ހަމަޖައްސައިދިން މީހުންގެ ތެރޭގައި ހދ. ކުޅުދުއްފުށި ޕޯޓުން ދެ މީހަކާއި، ސ. ހިތަދޫ ޕޯޓުން ތިން މީހަކާއި، މާލެއިން 35 މީހަކު ހިމެނެއެވެ.
ތަމްރީނާއި ކުރިއެރުމުގެ ފުރުސަތުތައް:
އެމްޕީއެލްއިން ވަޒީފާ ހަމަޖައްސައިދިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ލެވެލް ތިނެއްގެ ސެޓްފިކެޓް ހޯދުމުގެ ފުރުސަތު ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މިހާރު ވެސް އެ ކުންފުނީގެ ދާއިމީ ވަޒީފާގައި ތިބި ނުކުޅެދުންތެރިކަން ހުރި 32 މީހަކަށް ވެސް މި ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ރަސްމިއްޔާތުގައި، ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް އެމްޕީއެލްގެ ވެބްސައިޓު ބޭނުން ކުރެވޭނެ އެކްސެސިބިލިޓީ ފީޗާއެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. މި ފީޗާ ތައާރަފުކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓް ޑރ. އައިޝަތު ޝިހާމެވެ. މި ފީޗާ ޓެސްޓުކޮށްފައި ވަނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބްވިސް) ގެ އެއްބާރުލުމާ އެކުގައެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި، އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެންމެންގެ ޝާމިލުވުން ހިމެނޭ މުޖުތަމައުއެއް ބިނާ ކުރުމުގައި އެ ކުންފުންޏަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށެވެ.

