ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާފަސިންޖަރު ޓާމިނަލް، ޓާމިނަލް 1 އިން ޖަރުމަނުގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ، ކޮންޑޯއަށް ހިދުމަތް ދޭން މިއަދު ރަސްމީކޮށް ފަށައިފިއެވެ. މިކަން ފާހަގަކުރުމަށް ޓާމިނަލްގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މިއަދު ހެނދުނު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލެވެ. މި ރަސްމިއްޔާތުގައި ކޮންޑޯގެ އިންޓަކޮންޓިނެންޓަލް ސްޓޭޝަންސްގެ އޭރިއާ މެނޭޖަރު ސްޓެފަން މެކްކެނާ އާއި ކޮންޑޯގެ އޭޝިއާ އަދި އިންޑިއަން އޯޝަންގެ ގްރައުންޑް އޮޕަރޭޝަންސްގެ ރީޖަނަލް މެނޭޖަރު ރޮން ޕްލެންގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ކޮންޑޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވާލުމާއެކު، އެ އެއާލައިނުން ފުރި 302 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. މީގެ އިތުރުން، ޓާމިނަލް 1 އަށް ކައިރި ކުރި ކޮންޑޯގެ ފުރަތަމަ ފްލައިޓް، DE2320 އިން ރާއްޖެ އައި 277 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިކަމުގެ ސަބަބުން ފަސިންޖަރުންނަށް ވަނީ ރާއްޖޭގެ މުއްސަނދި ސަގާފަތުގެ ތަފާތު ތަޖުރިބާއެއް ލިބިފައެވެ.
ކޮންޑޯ އިން ރާއްޖެއަށް ދަތުރުތައް ފެށީ 31 އޮކްޓޫބަރު 1981 ގައެވެ. މިއީ ވީއައިއޭގެ އާ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި ޖަރުމަނުގެ ފުރަތަމަ އެއާލައިން ކަމަށްވާއިރު، މިއީ އެއަރޕޯޓްގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާކަން ހާމަވާ ކަމެކެވެ. ކޮންޑޯ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ 26 އަށް އިތުރުވެފައެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ. ޓާމިނަލް 1 އިން ކޮންޑޯއަށް ހިދުމަތް ދޭން ފެށުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް ބެލެވެއެވެ.

