މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އޭނާއާއެކު އުޅުނު ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލްގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އެއްބަސްވެއްޖެ އެވެ.
މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ރައުދުގެ މައްޗަށް ދައުލަތުން ކުރީ އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާ އެވެ.
މިދިޔަ ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައުދު އެ ދައުވާއަށް އެއްބަސްވުމުން، އެ މައްސަލާގެ ހުކުމް އަންނަ ހަފުތާގައި އިއްވަން ވަނީ ހަމަޖައްސައިފަ އެވެ. މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ކުށަށް އިއުތިރާފްވުމުން އަދަބު ލުއިވެ، ތަހުގީގު މަރުހަލާގައި މަހެއްހާ ދުވަހު ބަންދުގައި ހުރެފައިވާތީ، ރައުދު ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ މުއްދަތެކެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކުރިން ބުނެފައިވަނީ، ޔުމްނު ވެއްޓުނުކަން އެނގިހުރެ އެހީތެރިކަން ނުދީ އަދި ކަމާގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ރައުދަށް އެ ދައުވާ ކުރަނީ ކަމަށެވެ.
އެ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން، އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ރައުދު ހައްޔަރުކުރީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމާއި އެ ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ތުހުމަތުގަ އެވެ. ރައުދުއަކީ ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު ކަމަށް ބުނާ މީހާ އެވެ. ޔުމްނު އާއި ރައުދު ފެންޓެނޯއީގެއަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަދި ހ. ކަށިވެއްޔަށް ވެސް ވަދެފައިވެ އެވެ.
އެ ހާދިސާގައި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިގެން ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދިޔަ އެވެ. އަދި ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި، މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރި އެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުންގެ އިހުމާލެއް އޮތްތޯ ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލި އެވެ. ރިޔާސީ ކޮމިޝަނުން ނިންމީ ބަޔަކު ގަސްދުގައި ޔުމްނު ވައްޓާލީ ކަމަށް ބެލެވޭނެ ހެއްކެއް ނެތް ނަމަވެސް ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރި ކަމަށް ފާހަގަވާ ކަމަށެވެ.

