މިއަދު ދީފައިވާ ހުކުރު ހުތުބާގައި، ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެއް ކަމަށާއި ކާމިޔާބާއި ނަޞްރު ލިބުމަށް މަގުފަހިކޮށްދޭނޭ އަޅުކަމެއް ކަމުގައި ބުނެފިއެވެ. “ނަމާދު އެޅުމުގެ ނުރައްކާތެރިކަން” މި މައުޟޫއަށް ދިން މިއަދުގެ ހުކުރު ހުތުބާގައި ވަނީ، ނަމާދުގެ މުހިންމުކަމާއި ނަމާދު އެޅުމުގެ ނުރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވައިލާފައެވެ.
ހުތުބާގައި ބުނެފައިވާ ގޮތުގައި، ހަމަކަށަވަރުން ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެކެވެ. އަދި ނަމާދަކީ ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެއް ކަމަށާއި، އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމަކަށް ވީއިރު، މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.
ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިން ދަލީލުދައްކަވަމުން ހުތުބާގައި ބުނެފައިވެއެވެ: “އަދި ކަލޭގެފާނުގެ أهلވެރީންނަށް ނަމާދުކުރުމަށް އަމުރުކުރައްވާށެވެ. އަދި ކަމުގެ މައްޗަށް ކެތްތެރިވެވަޑައިގަންނަވާށެވެ. ރިޒުޤު ދެއްވުމަކަށް ކަލޭގެފާނުގެ ކިބަޔަކުން ތިމަންރަސްކަލާނގެ އެދިވޮޑިއެއް ނުގަންނަވަމެވެ. ކަލޭގެފާނަށް ރިޒުޤު ދެއްވަނީ ތިމަންރަސްކަލާނގެއެވެ. ރަނގަޅު ނިމުންވަނީ ތަޤްވާވެރީންނަށެވެ.” ހުތުބާގައި ނަސޭޙަތްތެރިވެފައިވާ ގޮތުގައި، މުސްލިމަކަށް ވުމަށްފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދެވެ. ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހަމަކަށަވަރުން، ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ.”
ރަސޫލު ﷲ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “ދީނުގެ ބޮލަކީ ނުވަތަ އަސްލަކީ އިސްލާމްކަމެވެ. އަދި ދީނުގެ ތަނބަކީ ނަމާދެވެ. އަދި ދީނުގެ އެންމެ އުސް ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދުކުރުމެވެ.” ހުތުބާގައި ހަނދާންކޮށްދީފައިވާ ގޮތުގައި، ނަމާދަކީ ލޮލުގެ ފިނިކަމެއް ކަމުގައި ލައްވައި، ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއް ކަމުގައި ލައްވައިފައިވެއެވެ. މުސްލިމް އަޅުންނޭވެ، ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގުފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ. ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެކެވެ.
މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ.” ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “އެކަމެއްގެ ސަބަބުން ތިޔަބައިމީހުންގެ ކުދި ފާފަތައް ފިއްލަވައި ދަރަޖަތައް އުފުލިގެންދާނޭ ކަމެއްގެ ވާހަކަ ވިދާޅުވެ ދެއްވަންތޯއެވެ؟” އެބޭކަލުން ދެންނެވިއެވެ: “އާދޭހެވެ އޭ ﷲގެ ރަސޫލާއެވެ.” އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ: “ފިނިގަދަވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުންވިޔަސް، އެކަމަށް އުނދަގޫވެގެންވާ ޙާލުގައިވެސް ފުރިހަމައަށް ވުޟޫކުރުމާއި، މިސްކިތަށް ހިނގާ ފިޔަވަޅުތައް ގިނަކުރުމާއި އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ ރިބާޠަކީ އެއީއެވެ.”
ހުތުބާގައި އިތުރަށް ބުނެފައިވާ ގޮތުގައި، ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި، ބަލި ޙާލުގައި އޮންނަ އިރުގައްޔާއި، ރަށުގައި ޤާއިމުވެ ހުންނަ އިރާއި، ދަތުރުމަތީގައި އުޅޭ އިރުވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައިވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ވީއިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ: “ތިޔަބައިމީހުން ނަމާދުތަކާއި އަދި މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ؟ އަދި ތިޔަބައިމީހުން ﷲއަށް ކިޔަމަންތެރިވެ މަޑުމައިތިރިކަމާ އެކު، (ނަމާދުގައި) ޤާއިމުވެ ތިބޭށެވެ!”
މުސްލިމެއްގެ ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިދާ ކޮންމެ މީހެއްގެވެސް އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ކަމަކަށް އަންގަވައިފައިވަނީ ނަމާދާ ބެހޭ ގޮތުންނެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “ހަމަކަށަވަރުން ޤިޔާމަތް ދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ އޭނާގެ ނަމާދާ މެދުގައެވެ. ފަހެ އެ ނަމާދު ރަނގަޅުވެއްޖެނަމަ ހަމަކަށަވަރުން އޭނާ ކާމިޔާބުވެ ނަޖާވާހުއްޓެވެ. އަދި އެ ނަމާދު ފާސިދުވެއްޖެނަމަ ފަހެ ހަމަކަށަވަރުން އޭނާ ނާކާމިޔާބުވެ އަބާއްޖަވެރިވާހުއްޓެވެ.”
ހުތުބާގައި ހަނދާންކޮށްދީފައިވާ ގޮތުގައި، އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު، ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ، ކޮންމެ މުސްލިމަކު އޭނާގެ ދުވަހުގެ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެކެވެ. ނަމާދު އެޅުމަކީ، ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައި ވަނީ އަންގަވައިފައެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: “އެއުރެންނާއި އަހުރެމެންނާ އެބަހީ: ކާފިރުންނާއި މުސްލިމުންނާ ދެމެދުގައި ތަފާތުކުރާ ޢަހުދަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފި މީހާ ދަންނާށެވެ. ހަމަކަށަވަރުން އޭނާ ކާފިރުވެއްޖެއެވެ.”
މާތް ﷲގެ އަޅުތަކުންނަށް ހުތުބާގައި ނަސޭޙަތްތެރިވެފައިވާ ގޮތުގައި، ތައުބާގެ މަގަށް އަވަހަށް ރުޖޫޢަވުމަށް ހަޅޭއްލަވައި ގޮވާލާފައިވެއެވެ. ނަމާދުތަކަށް ފަރުވާތެރިވުމަށް އަވަސްވެގަތުމަށް، އަޅަމެންގެ އަބަދުގެ ދުޢާއަކީ މިއީކަމުގައި ހަދައި، ބަހާއި ޢަމަލުން އެކަން ސާބިތުކުރާ ބަޔަކަށް ވުމަށް އިލްތިމާސްކުރިއެވެ.
މިއަދުގެ ހުތުބާ ނިންމާލީވެސް އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް އުއްމަތުގެ ނަބިއްޔާއަށް ސަލަވާތް ކިޔެވުމަށް ވަސިއްޔަތް ކުރުމާއެކު ރަސޫލާ އަށް ސަލަވާތް ކިޔުމުންނެވެ.

