ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިންނަށް ހުންނަ ފަރާތްތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް)ގެ ވެބްސައިޓް ބޭނުންކުރެވޭނެ އެކްސެސިބިލިޓީ ފީޗާރއެއް ތަޢާރަފްކޮށްފިއެވެ.
އެމް.ޕީ.އެލްގެ ވެބްސައިޓްގައި އަލަށް ތަޢާރަފްކުރި ފީޗަރ މިއަދު ލޯންޗްކޮށްދެއްވީ މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ.އާއިޝަތު ޝިހާމެވެ. މި ފީޗަރ ލޯންޗްކުރީ އެމް.ޕީ.އެލްއާ އަލަށް ގުޅުނު ނުކުޅެދުންތެރިކަން ހުންނަ 40 ފަރާތަކަށް ވަޒީފާ ލިބުނުކަމުގެ ލިޔުން ހަވާލުކުރުމަށް މީރުމާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މިއީ އެމް.ޕީ.އެލްގެ އިސްނަގައިގެން، އެމް.ޕީ.އެލްގެ އައި.ސީ.ޓީ ސަރވިސަސް ޑިޕާޓްމަންޓްގެ މަސައްކަތުން ތަޢާރަފްކުރި ފީޗާރއެކެވެ. މި މަސައްކަތުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އެހީތެރިކަމާއި ލަފާ ލިބުނުކަން ފާހަގަކުރަމެވެ. އަދި އަދި މި ފީޗާގެ ޓެސްޓިންގ މަރުހަލާގައި، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސްގެ ހިޔާލާއި ލަފާ ވަނީ ހޯދައިފައެވެ. އެމް.ޕީ.އެލްއަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ލޮލުގެ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިފަދަ އެކްސެސިބިލިޓީ ފީޗާއެއް ވެބްސައިޓްގައި ތަޢާރަފްކުރި ފުރަތަމަ ކުންފުންޏެވެ.
“އެމް.ޕީ.އެލްއިން އިސްނަަގައިގެން، މިފަދަ ކަމެއް ކުރީތީ އަޅުގަނޑުމެން ޝުކުރުވެރިވަން. އުންމީދުކުރަނީ އެހެން ކުންފުނިތައްވެސް (އެމް.ޕީ.އެލް) މިސާލަކަށް ނަގައިގެން، އެހެން ކުންފުނިތައްވެސް މިފަދަ ފީޗާއެއް ތާއަރަފްކުރާނެ ކަމަށް،” ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮަސައިޓީ އޮފް ދަ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ، ސައްދާމް
އެމް.ޕީ.އެލްގައި މި ވަގުތުވެސް ނުކުޅެދުންތެރިކަން ހުންނަ 32 ފަރާތެއް ވަޒީފާ އަދާކުރެއެވެ. އަދި އެމް.ޕީ.އެލްއިން މިހާރު ވަނީ ނުކުޅެދުންތެރިކަން ހުންނަ އިތުރު 40 ފަރާތަކަށް މިހާރު ވަޒީފާގެ ފުރުސަތު ދީފައެވެ. މި ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ދިނުމުގެ އިތުރުން، މަސައްކަތުގެ މާޙައުލުގައި ތަފާތުނުކުރުމާއި ހަމަހަމަ ފުރުޞަތުތައް ކަށަވަރުކޮށްދިނުމާއި ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާޢިމްކޮށްދިނުމަށް އެމް.ޕީ.އެލްއިން ބޮޑު އަހަމިއްޔަތެއް ދޭކަމެކެވެ.

