ގދ ފިޔޯރީ ކައުންސިލުގެ ބީފާން 2026 ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިމުބާރާތް ރާވައި ހިންގުމާއި އިންތިޒާމް ކުރުމުގެ ހުރިހާ ކަމެެއް ހަވާލުކޮށްފައިވަނީ ފިޔޯރީ އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެމްޕަވަރމަންޓް ( ފޭސް ) އާއިއެވެ. ފޭސް އަކީ މުބާރާތްތަކާއި އިޖްތިމާއީ ހަރަކާތްތައް ރާވައި ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އެސޯސިއޭޝަނެކެވެ. އެންމެ ފަހުން ނިމިދިޔަ ގދ އަތޮޅު ކައުންސިލް ވޮލީ މުބާރާތް ހޯސްޓް ކުރީވެސް ފޭސް އިންނެވެ.
2 ޑިވިޝަނަށް ހުޅުވާލައިގެން އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މި ޑިސެމްބަރ 15 ވަނަ ދުވަހުގެ 21:00 ގެ ކުރިންނެވެ.
ޓީމް ލިސްޓެއްގައި ރަށުންބޭރު 3 ކުޅުންތެރިން ހިމެނިދާނެއެވެ. އަދި ޓީމް ލިސްޓެއްގައި ގިނަވެގެން ހިމެނޭނީ 2025 ވަނަ އަހަރުގައި އެކުލަވާލައިފައިވާ ގައުމީ ޓީމުގައި ހިމެނޭ ކުަޅުންތެރިންގެ ތެރެއިން 2 ކުަޅުންތެރިން ނުވަތަ 2025 ވަނަ އަހަރުގައި އެކުލަވާލައިފައިވާ ގައުމީ ޓީމުގައި ހިމެނޭ ކުަޅުންތެރިންގެ ތެރެއިން 1 ކުޅުންތެރިން އަދި ދިވެހި ރާއްޖެއިން ބޭރު އެއްކުޅުންތެރިންނަށެވެ. މީގެ އިތުރުން ރަށު މީހަކާއި އިނދެގެން ނުވަތަ މަންމަ ބައްޕަ އެރަށެއްގައި ނަމަ ރަށު ކުޅުންތެރިޔަކަށް ކުޅެވިދާނެއެވެ.
ފިޔޯރީއަށް ނަޒަރެއް
ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކުނާ ވިޔުމަށް ބޭނުންކުރާ އަސްލު ބާވަތުގެ "ހައު" ހެދޭ ހަމައެކަނި ރަށަކީ ފިޔޯރީއެވެ. މި ރަށާ ގުޅިގެން ދޫދޫމަތިން ކިޔާ އުޅޭ ވާހަކަތަކުގައި، ފޯކްލޯރ (ދިވެހި ވާހަކަ) ތަކުން ބުނާ ގޮތުގައި، ހައު އެންމެ ފުރަތަމަ ހޯދީ ފިޔޯރީ "ބީފާން" އެވެ.
ބީފާން އަކީ ކާކު؟
ފިޔޯރީ ބީފާން އުޅުނީ ފިޔޯރީ ހުސައިންކަލޭފާނާއި ކައިވެނި ބައްލަވައިގެންނެވެ. އެދެމަފިރިންގެ ޒުވާން ދުވަސްވަރު ހަޔާތް ވޭތުކުރަމުން ދިޔައީ ފަރު ހިލުމާއި، ފަންގި ވިނުމުގައެވެ. މި ދެމަފިރިންނަށް ލިބޭ ކުޑަ އާމްދަނީއިން މާބޮޑު ތަނަވަސް ކަމެއް ނުލިބުނު ނަމަވެސް މިދެމީހުންނަކީ ރަށުގެ ނިސްބަތުން ފުދިގެން އުޅޭ ދެމަފިރިންނެވެ. 3 ދަރިން ލިބިފައިވާ މި ދެމަފިރިންނަށް ލިބުނު މުއްސަނދިކަމެއްގެ ސަބަބުން، އޭރު ރާއްޖޭގެ އެންމެ މުއްސަނދި މީހާ ކަމުގައި ފާހަގަވާން ފެށިއެވެ. އެހެންނަމަވެސް އޭރުގެ ރަސްގެފާނުގެ ބާރު ކުޑަވެ ރަސްކަމަށް ނުރައްކާވެދާނެކަމަށް ބަޔަކު މީހުން ކިޔައިއުޅޭތީ ދެމަފިރިންގެ މުދާތައް އަތުލައި، ހައު ދަނޑުތައް ހުޅުޖަހައި އަންދާލިއެވެ. ހާއޮޅު އަންދާލާފައި ފުރައިގެން ދިޔަފަހުން އެހާތަކުގެ ބުޑުތަކުން އިހަށްވުރެ މާ ވަރުގަދައަށް ނިރުތައް ފަޅައިގެން އަލުން ގަސްތައް ހެދެން ފެށިއެވެ. މިއީ ބީފާންގެ ވާހަކަ ފެށިގެން އައިގޮތެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމްތަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފައެވެ.
މުބާރާތާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކޮށްލަން ބޭނުންވެއްޖެ ނަމަ 7986994 އާއި ގުޅުއްވުމަށް ފޭސް އިން އެދެއެވެ.

