މާލޭގެ ބޭރު މަގު، ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ސެގްމަންޓް 1 ގައި ތާރުއެޅުމާ ގުޅޭ މަސައްކަތްތައް ފަށާފައިވާކަމަށް، އެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނެފިއެވެ. މި ސެގްމަންޓުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް އެ ކުންފުނިން ދަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ 5 ސެގްމަންޓަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރަނީ މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ހުޅުމާލެ ފެރީ ޓަރމިނަލްއާ ހަމައަށެވެ. މިހާރު ތާރުއެޅުމުގެ މަސައްކަތް ފަށާފައިވާ ސެގްމަންޓް 1 ގެ މަސައްކަތް ކުރިއަށްދަނީ ޝަހީދު ޙުސައިން އާދަމް ބިލްޑިންގްއާ ހަމައަށެވެ. އެއީ 130 މީޓަރުގެ ސަރަޙައްދެކެވެ.
މި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، ސެގްމެންޓް އެކެއްގެ %91 މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ތާރު އެޅުމާ ގުޅޭ މަސައްކަތްތަކެވެ. އެގޮތުން ތާރު ފަށަލަ އެޅުމުގެ ކުރިން އަޅާ އޭބީސީ ލޭޔަރގެ މަސައްކަތް ވަނީ ފަށާފައެވެ. އޭބީސީ ލޭޔަރގެ މަސައްކަތް ނިމުމާއެކު، ތާރު އެޅުމުގެ މަސައްކަތް ފެށޭނެއެވެ.
އެމްޓީސީސީން ދެންނެވީ، މަގު ތަރައްޤީކުރުމުގެ މި މަޝްރޫޢުގެ ތެރެއިން ޔުޓިލިޓީ ވިއުގައިގެ މަސައްކަތްތަކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތްވެސް މުޅިން ނިމިފައިވާކަމަށެވެ. އަދި ސައިޑް ވޯކްގެ %87 މަސައްކަތްވެސް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ތެރޭގައި ހިމަނައިގެން، އެ ސަރަޙައްދުގެ އެއްގަމު ތޮށި ތަރައްޤީކޮށްފައިވަނީ މަގު ފުޅާކުރުމަށްޓަކައި ބޭރުތޮށި 6 މީޓަރު ބޭރަށް ޖެއްސުމަށްފަހުގައެވެ. މަގު ތަރައްޤީކުރަނީ ޒަމާނީ ފެން ހިންދާ ނިޒާމަކާއެކުގައެވެ.
މުޅި މި މަޝްރޫޢުގެ 5 ސެގްމަންޓްގައި ޖުމްލަ 830 މީޓަރުގެ މަގު ތަރައްޤީކުރެއެވެ. މަސައްކަތްތައް އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަނީ، ތާރު އެޅުމާ ގުޅޭ މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމުމަށެވެ.
4 ލޭނަކަށް ތަރައްޤީކުރާ މި މަގުގެ މަސައްކަތް ނިމޭއިރު، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެއެވެ. މަގުގައި ހިނގާ މީހުންނަށް ޚާއްސަ ލޭނެއްވެސް ހިމެނޭނެއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

