މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު އަވަހާރަވުމާގުޅިގެން ރައީސް މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު، މ.ދިލޭރާމްގެ/މާލެ، ޝަރީފާ މުޙައްމަދު، އުމުރުފުޅުން 83 އަހަރުގައި ނިޔާވެއްޖެއެވެ. މި ހިތާމަވެރި ޚަބަރާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިނިސްޓަރ ޢަބްދުﷲ ނާޞިރާއި ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ.
ރައީސް ޑރ. މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު ޢަބްދުﷲ ނާޞިރުގެ މަންމާފުޅު ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ރައީސް ވަނީ މި ހިތާމަގައި ބައިވެރިވެ، މަރުޙޫމާގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރައްވާފައެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ވެސް ދުޢާކުރައްވާފައިވެއެވެ.
އަވަހާރަވި ޝަރީފާ މުޙައްމަދަކީ މިނިސްޓަރު ޢަބްދުﷲ ނާޞިރުގެ އިތުރުން، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނާޒިމް (ހެރިންސް އައްމަޑޭ)ގެ ވެސް މަންމާފުޅެވެ. އެކަމަނާ އަވަހާރަވުމަކީ ޢާއިލާއަށް ލިބުނު ބޮޑު ހިތާމައެކެވެ.
ޝަރީފާ މުޙައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ބާއްވަން ހަމަޖައްސާފައި ވަނީ މިއަދު މަޣްރިބް ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މީގެ އިތުރުން، އެކަމަނާގެ މޫނު ދެއްކުމުގެ ކަންތައް ވެސް ކުރިއަށް ދާނީ އިސްލާމީ މަރުކަޒުގައި ކަމަށް ވަނީ ހަމަޖެހިފައެވެ.

