ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތަށް ކަންކަން ނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ ދާދިފަހުން އެކްސް (ކުރިން ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެކްސް ޕޯސްޓުގައި ފާހަގަކުރައްވާފައިވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަގާފަތާ އެއްގޮތަށް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް ވުމަކީ މި ޤައުމަށް ޓަކައި ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތްކަމެވެ. މުސްލިމުންގެ ސަގާފަތާ ޚިލާފު ކަންކަމާ ދުރުވާންޖެހޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި މި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން، އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެ ކަމެއް ކަމަށެވެ.
ޚާއްސަކޮށް، ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އިސްލާމް ދީނުގެ ޙުދޫދުން ބޭރުނުވާ ގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ. މިކަމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ދަރީންނާއި މުސްތަޤުބަލުގެ ޖީލަށް ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް، ހެޔޮ ނަމޫނާއެއް ދެއްކުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިންވެސް ވަނީ އިސްލާމީ ވަރުގަދަ ދައުލަތެއްގެ ގޮތުގައި އަދި އުންމަތުގެ ދިފާޢުގައި އިސްނަގާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން، ޢުމްރާނީ ތަރައްޤީ ޤައުމަށް ގެންނަ ފަދައިން، ލަފާދާރު ދިވެހި ރައްޔިތެއް ބިނާކުރުމަށް ސަރުކާރުން އެންމެ އިސްކަންދޭނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އަދި، ދަރީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދީ، އެކަކު އަނެކަކާ ރީތި ބަހުން މުޚާޠަބުކުރާ، ދީނަށް ލޯބިކުރާ، އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަކީވެސް ރައީސްގެ މުހިންމު ސިޔާސަތެކެވެ. ދިވެހީންގެ ޤައުމިއްޔަތު ދިރުވާ އާލާކުރުމާއި، އިސްލާމީ ހަޟާރަތް ކުރިއަރުވާ މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ހަޑިފައި މަސައްކަތްޕުޅެއްކަން ފާހަގަކުރެވެއެވެ.

