އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، މާލީ ގޮތުން ތަނަވަސްކަން ހުރި ކޮންމެ މުސްލިމަކަށް ވެސް ސަޢޫދީ އަރަބިއްޔާއިން ބިން ގަތުމުގެ ފުރުޞަތު ހުޅުވާލަން ނިންމާފައިވާ ކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މިގޮތުން، ޚާއްސަކޮށް އިސްލާމީ ދުނިޔޭގެ އެންމެ މާތް ދެ ސިޓީ ކަމަށްވާ މައްކާ އާއި މަދީނާގައި ވެސް ބިން ގަތުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށް ސަޢޫދީ ސަރުކާރުން ބުނެއެވެ.
މި ނިންމުމަކީ ސަޢޫދީ އަރަބިއްޔާގެ “ވިޝަން 2030” ގެ ދަށުން އެ ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާތަކަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މައްކާ އާއި މަދީނާ އިން ބިން ގަތުމަށް ހުއްދަ ދޫކުރުމަކީ ބޭރުގެ އިންވެސްޓްމަންޓްތަކަށް އެ ދެ ސިޓީ ހުޅުވާލެވޭ ފުރަތަމަ ފަހަރެވެ.
މި އާ ޤާނޫނު ތަންފީޒު ކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މިގޮތުން، ބިން ގަތުމަށް ނުވަތަ ހިއްސާ ގަތުމަށް ބޭނުންވާ ފަރާތްތަކުން އިންވެސްޓް ކުރެވޭނީ މާތް ސިޓީތަކުގައި ބިންތައް ހިއްސާކުރާ، ސަޢޫދީން ލިސްޓްކޮށްފައިވާ ކުންފުނިތައް މެދުވެރިކޮށެވެ.
މި ރިއަލް އެސްޓޭޓް ވިޔަފާރީގެ އެންމެ މުހިއްމު އެއް ކަމަކީ، ބިން ގަންނަން އިންވެސްޓްކުރާ ފަރާތަކީ މުސްލިމެއްކަން ސާބިތުކޮށްދިނުމެވެ. ސަޢޫދީ އަރަބިއްޔާއިން ބުނެފައިވާ ގޮތުގައި، މުސްލިމަކަށް ނުވާ ނަމަ މި މާތް ބިމުން އެއްވެސް ތަންކޮޅެއް ނުވިއްކާނެއެވެ. މިހެންކަމުން، ބިން ގަތުމުގެ އެއްވެސް މުޢާމަލާތެއް ހިންގުމުގެ ކުރިން ފުރަތަމަ ކަމަކަށް އިންވެސްޓަރުގެ ދީނަށް ބެލެވޭނެއެވެ.
މި ނިންމުމުގެ ސަބަބުން ސަޢޫދީ އަރަބިއްޔާއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުވެ، އެ ޤައުމުގެ އިޤްތިޞާދު އިތުރަށް ތަރައްޤީވެގެން ދާނެ ކަމަށް ސަޢޫދީ ސަރުކާރުން އުންމީދުކުރެއެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި މުސްލިމުންނަށް މާތް ބިމާ ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ވެސް މީގެ ސަބަބުން ތަނަވަސްވެގެން ދާނެ ކަމަށް ބެލެވެއެވެ.

