މަޝްހޫރު ފުޓުބޯޅަ ތަރި އަދި ޔުނިސެފްގެ ގުޑްވިލް އެމްބެސެޑަރު ޑޭވިޑް ބެކަމް، އޭނާގެ ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ އުމުރުން ތިން އަހަރުގެ ކުއްޖެއް ކަމަށްވާ ”ބަބުލް“ގެ ވާހަކަ ދުނިޔެއަށް ހާމަކޮށްފިއެވެ. ބެކަމްގެ އިންސްޓަގްރާމްގައި 88.2 މިލިއަން ފޮލޯވަރުންނާއި ފޭސްބުކްގައި 57 މިލިއަން ފޮލޯވަރުން ތިބޭއިރު، މި ވާހަކަ އާއްމުކުރީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންނެވެ.
ބެކަމް ވަނީ ދުނިޔޭގެ ކޮންމެ ކުއްޖަކަށްވެސް ތައުލީމާއި، ފުރުސަތާއި، ރައްކާތެރިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ޔުނިސެފުން ކުރާ މަސައްކަތަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތިން އަހަރުގެ ބަބުލް އަކީ އޭނާއަށް ވަރަށް ބޮޑަށް އިންސްޕަޔަރ ކޮށްދިން ކުއްޖެކެވެ. އެހެންކަމުން، ބެކަމް ބޭނުންވީ ބަބުލްގެ ވާހަކަ ހިއްސާކުރުމަށް އޭނާގެ ޕްލެޓްފޯމް ބަބުލްއަށް ދޭށެވެ.
ބެކަމްގެ ވީޑިއޯގައި ބަބުލްގެ މެސެޖަކީ، ކޮންމެ ކުއްޖެއްގެ އަޑަކީވެސް، ކިތަންމެ ކުޑަ ނަމަވެސް، އަޑުއަހަންޖެހޭނެ އަޑެއްކަން ހަނދާންކޮށްދިނުމެވެ. އަދި ކޮންމެ ކުއްޖަކަށްވެސް އުނގެނުމާއި، ހުވަފެން ހަގީގަތަކަށް ހެދުމާއި، އުފާވެރިކަމާއި، ލޯބި އިހުސާސް ކުރުމާއި، ރައްކާތެރިކަން ލިބިގެންވާނެ ކަމަށް ބެކަމް ވަނީ ހާމަކުރައްވާފައެވެ. ވީޑިއޯގައި ދައްކާލަނީ ތިން އަހަރުގެ ބަބުލް އަމިއްލައަށް ބޫޓަށް އަރައި، އޭނާގެ މަންމައާއެކު ސްކޫލަށް ދާ މަންޒަރާއި، ސްކޫލްގައި ލަވަކިޔައި، މަޖާކޮށް، ކުޅޭ މަންޒަރެވެ.
ސްކޫލްގެ މަސައްކަތް ނިންމާފައި، ބަބުލް އޭނާގެ މައިންބަފައިންނާއި ދައްތައާއެކު ވަގުތު ހޭދަކުރާ މަންޒަރުވެސް މި ވީޑިއޯގައި ހިމަނާފައިވެއެވެ. އޭނާ ބުނެފައިވާ ގޮތުގައި ސްކޫލުން އައިސް ސިއްހަތަށް ފައިދާހުރި މޭވާ ކައި، އަމިއްލައަށް ހެދުން ހޮވައި ބަދަލުކުރުމަށްފަހު މައިންބަފައިންނާއެކު ބޭރަށް ދެވޭތީ އުފާވެއެވެ. ވީޑިއޯގައި ބަބުލް ކުޅެމުންދަނިކޮށް ވެއްޓި، އޭނާގެ މައިންބަފައިން ދިން ހިތްވަރުގެ ވާހަކަ ދައްކައި، އަމިއްލަ ނަފްސަށް “ބޮޑު ވަރުގަދަ އަންހެން ކުއްޖެއް” ކަމަށް ސިފަކުރެއެވެ. މީގެ އިތުރުން، ބަބުލް ކުނި ހޮވައި ޑަސްޓްބިންއަށް އަޅާ މަންޒަރުވެސް ހިމަނާފައިވާއިރު، އެއް މިނެޓާއި 15 ސިކުންތުގެ މި ވީޑިއޯ ނިމެނީ އޭނާއަކީ ރީތި ކުއްޖެއް ކަމަށް ބުނުމަށްފަހުއެވެ.
ބަބުލްގެ އެއް ދުވަސް ދައްކުވައިދޭ މި ވީޑިއޯއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. މީގެ ތެރޭގައި ފޭސްބުކްގައި 12،000 ލައިކްސް އަދި އިންސްޓަގްރާމްގައި 100،000 އަށްވުރެ ގިނަ ލައިކްސް ހިމެނެއެވެ. ބެކަމްގެ މި މަސައްކަތުން ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ރާއްޖޭގެ ކުޑަކުދިންގެ ހައްގުތަކާއި އަޑުތައް އަޑުއިއްވައިދީފައިވެއެވެ.

